މި ފަހަކަށް އައިސް ކޮންމެ ދުވަހެއްގެ އިރު ފެނުން ތޮޅެލަނީ ރާއްޖޭގެ ކޮންމެވެސް ސަހަރައްދެއްގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ހިތާމަވެރި ޙަބަރާއި އެކުގައެވެ. މެންދުރުގެ ހޫނު ގަދަ ގަޑީގައި ރަށްޓެހިންނާއި އެކު ފިނި ބުއިމެއް ބޯލުމަށް ރެސްޓޯރެންޓަކަށް އަރާ ނޫސްތައް ބަލާލިޔަސް ފެންނަނީ ކޮންމެވެސް މީހަކު އެކްސިޑެންޓްވެގެން އުޅޭ ހަބަރެވެ. ދެ ފަރުދުން އެއްތަންވިއްޔާ މިހާރު އެކްސިޑެންޓްގެ ވާހަކަ ނޫން އެހެންވާހަކައެއް ނުދައްކައެވެ.
މީގެ ކުރީންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް މާލޭގައި އެކްސިޑެންޓައް ވެއެވެ. ނަމަވެސް ކަނޑުގެ ލޮނުގަނޑު ކަފާލުމަށް ފަހު ކޮންކްރީޓުން މާލޭއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވާލެވުނު "ސިނަމާލެ" ބުރިޖާއި، މާލޭގެ ވަށައިގެންވާ ބޮރުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުނު ފަހުން މާލޭގައި އެކްސިޑެންތައް ވުން އޮބިނޯވެއެވެ.
މާލޭގައި އެކްސިޑެންޓްތައް ވުން އިތުރުވެފައިވަނީ ހެދިފައި އޮންނަ ޤަވައިދުތަކާއި ގާނޫނުތަކަށް ބެލުމެއް ނެތި ދުއްވުމުގެ ސަބަބުން ކަން މިހާތަނަށް ވެފައި ހުރި އެކްސިޑެންޓްތަކަށް ބަލާލުމުން ހާމަވެއެވެ. އެގޮތުން މީގެ ދެތިން ދުވަހެއް ކުރިން މަސް މާރުކޭޓު ސަރަހައްދުގައި އެކްސިޑެންޓްވެ ނިޔާވި ކުއްޖާއަކީވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކުއްޖެކެވެ. އަދި އޭގެ ފަހުން ރިންގް ރޯޑުގައި ހުންނަ ސިފައިންގެ ހޮސްޕިޓަލް، ސެނެހިޔާ ކައިރީ އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން އިން ދެމީހުންނަކީވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ދެމީހުންނެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ނެތި އުނޅަދުތައް ދުއްވާ ފަރާތްތަކުގެ ވާހަކަ އެހަށް ބާއްވަމާ ހިނގާށެވެ. ދެން އޮތީ ލައިސެންސް އޮވެ ސައިކަލު ދުއްވާ ފަރާތްތައް އެކްސިޑެންޓްވާ ވާހަކައެވެ. ގައިމު އެއްގަމު އުޅަނދު ދުއްވުމުގެ ފުރިހަމަ ހުއްދައެއްވެސް އެބައޮތްތާއެވެ. ގަވައިދެއް ނުގަވައިދެއް، ވަންވޭއެއް ޓޫވޭއެއް ބެލުމެއް ނެތި އުޅަނދުފަހަރު ދުއްވާ ކިތަންމެ ބަޔަކު އެބައުޅެއެވެ. ސިންގަލް އެޅުމެއް ނެތި ނުބައި ފަރާތުން އޯވަރޓޭކް ކުރާ ކިތަންމެ ބަޔަކު އެބައުޅެއެވެ. އާޙިރު ނަތީޖާއަކަށް ވަނީ ކޮންމެވެސް އުޅަނދެއްގައި ލައިގަނެ ބޮޑެތި އަނިޔާތަކެއް ވުމެވެ.
އެކްސިޑެންޓްތައް ގިނަވާ ވާހަކަ ދައްކާއިރު ހަމަ އެކަނި ދުއްވަން އިންނަ މީހާ ކުށްވެރިކޮށްގެން ފަރުޖައްސާލެވޭކަށް ނެތެވެ. ދުއްވަން އިންނަ މީހާއަަށް އެއްގަމު އުޅަނދުގެ ލައިސެންސް ލިބިފައި އޮތީ އޮންނަ އުސޫލުގެ ތެރެއިންތޯވެސް ބަލާލުން ބުއްދިވެރިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުރީ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އެއިރުގެ ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ "އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި އެއް ދުވަސް ތެރޭގައި ލައިސަންސް އަތަށް ލިބޭނެ ޕްރޮގްރާމެއް ވެލާނާގޭ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްވެފައި އޮތީ ގިނަ ޒުވާނުންތަކަށް ލައިސަންސް ލިބުނު ޕްރޮގްރާމަކަށެވެ. ނަމަވެސް ޕްރޮގްރާމް ނިންމާލާ ޓްރާންސްޕޯޓު އޮތޯރިޓީގެ އިސްވެރީން ހަމަޖެހިލި ފަހުން ދެން އިވެން ފެށި އަޑަކީ އެއްކަލިން ލައިސަންސް ޕްރޮގްރާމުން ލައިސަންސް ދިން ބައެއް މީހުން އަމިއްލަ ޑްރައިވިންގް ސްކޫލުތަކާއި ގުޅިގެން އަލުން ދުއްވަން ދަސްކުރަމުންދާ ހަބަރެވެ. އެހެންކަމަށްވަނީ ނަމަ މިއީ ވަރަށް ބޮޑު އިހުމާލެކެވެ. ތަނެއް ދޮރެއް ބަލާލުމެއް ނެތި ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަޔަކަށް ލައިސަންސްވެސް ދެވުނީތާއެވެ.
ކޮންމެހެނަކަސް މި ޕްރޮގްރާމްވެސް ނިމި އެތައް ސަތޭކަ މީހުންނަކަށް ލައިސަންސްވެސް ވަނީ ދެވިފައެވެ. ދެން އުފެދޭ ސުވާލަކީ ލައިސަންސް ކާޑު ހިފައިގެން ސައިކަލަަށް އަރާ ހަރުފައެއްދާ އުސޫލުން ގޮސް ގެއެއްގެ ފާރުބުޑަށް ނުވަތަ މަގުގެ ދުވާރުން ހިނގާފައިވާ މީހާގެ ގައިގައި ޖެއްސުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ދުއްވާ މީހާތޯއެވެ؟ ނޫނީ ސަރުކާރުގެ ވުޒާރާތައް ތޯއެވެ؟ ނުވަތަ ދެ ފަރާތުން ތޯއެވެ؟ ޤައިމު އެ ދުއްވަނީ ސަރުކާރުގެ ވުޒާރާއެއްގެ ހުއްދައާއި އެކު ދީފައިވާ ކާޑެއް ޖީބުގައި ބާއްވައިގެންނެވެ.
މި ފަދަ ކަންކަމީ ވިސްނާލަންޖެހޭ ކަންކަމެވެ. ކަންކަން އިސްލާހު ކުރުމަށް "އަމާބުނީތީ ފަރަށްދާ" އުސޫލުން ކަންތައްތަށް ކުރީމާ އަލިމަގެއް ނުފެންނާނެއެވެ. އެކްސިޑެންޓުތައް އިތުރުވާ ވާހަކަ ދައްކާއިރު އެކަމުގައި އިހުމާލުވި ފަރާތްތަކުގެ ވާހަކަވެސް ދައްކަން ޖެހެއެވެ.