އެމްޑީޕީ ޕުރައިމަރީ 2019 ގައި ތިމަރަފުށީ ދާއިރާގެ ޓިކެޓު ތ.ތިމަރަފުށީ އާގޭ އަންވަރު އިބްރާހިމާއި ވާދަކޮށް މާފަންނު ސީވޯލް މުހައްމަދު މުސްތަފާ ކަށަވަރުކޮށްފައިވާއިރު މަޖިލިސް އިންތިހާބުގެ ފޯރި ވަނީ ތިމަރަފުށީ ދާއިރާގައި އިތުރަށް ގަދަވެގެން ގޮސްފައެވެ. މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ކުރިމަތިލަށްވާ ފަރާތްތަކުގެ ތެރެއިން މުސްތަފާ އާއި ރިޔާޒުގެ ކެމްޕޭނު މިވަނީ މިދާއިރާ ހިމެނޭ ތިމަރަފުއްޓާއި ވޭމަންޑޫ ހަލަބޮލިކޮށްލާފައެވެ. ހާއްސަކޮށް ރިޔާޒްގެ ކެމްޕޭން ފާހަގަކޮށްލެވެއެވެ.
އަބްދުﷲ ރިޔާޒަކީ ކިނބިދޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރެވެ. ރިޔާޒުގެ ފަރާތުން ދާއިރާއަށް ނިސްބަތްވާ ރަށްތަކުގެ ވަކި ވަކި ފަރުދުންނަށް އަމިއްލަ ޖީބުން ކަންކަން ކޮށްދީފައި އޮތް ނަމަވެސް ދާއިރާގެ ފަސް ރަށަށް ސާފު އިހުމާލެއް ވެފައިވާކަމަށް ކިނބިދޫ ތަމްސީލްކުރާ ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދޫ އަދި ކަނޑޫދޫގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. ވަކިވަކި ފަރުދުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަކީ ރަށްރަށުގެ ތަރައްގީއަށް ކޮށްދިން ކަމެއް ކަމުގައި ކިނބިދޫ ދާއިރާގެ ރައްޔިތުން ގަބޫލު ނުކުރާކަންވެސް ރަަށްރަށުގެ މެޖޯރިޓީ މީހުންގެ ވާހަކައިން ހާމަވެއެވެ.
ކިނބިދޫ ދާއިރާގެ ހުރިހާ ރަށަކީ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމު ނެތް ރަށްތަކެކެވެ. ބައެއް ރަށްރަތުގެ ބަނދަރު ހަލާކުވެފައިވާއިރު އަނެއްބައި ރަށްރަށުގެ ބަނދަރު ވަނީ މަރާމާރު ކޮށް އަޕްގްރޭޑް ކުރަން ޖެހިފައެވެ. އެގޮތުން އޮމަދޫގެ ބަނދަރަކީ ނިމިދިޔަ ތިން ސަރުކާރުންވެސް އަޅާނުލާ ދޫކޮށްލާފައިވާ ބަނދަރެކެވެ.
ކިނބިދޫ ދާއިރާގެ ތަރައްގީއަށް ނުހަނު ފޮނި އުންމީދުތަކާއި އެކު ކުރިމަތިލައްވާ ބޭބޭފުޅުން އަޅުވާ ހިޔާލީ އަނދުނަށް ނިކަމެތި ރައްޔިތުން ހެއްލިދާއިރު، ދާއިރާގެ ތަރަށްގީއަށް ބަސް ނުބުނެވޭކަމީ ލަދުވެތިވާން ޖެހޭ ހަގީގަތެކެވެ. ކުނިނައްތާލާނެ އެދެވޭ ނިޒާމެއްހައި މިންވަރު ކިނބިދޫ ދާއިރާގައި ނެތްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ކިނބިދޫ ދާއިރާގެ ރައްޔިތުންނަށް ރިޔާޒް ގެނެސްދެއްވިހާވެސް ތަރައްޤީއަކީ ދައުރުގެ ހުރިހާ އަހަރެއްގައި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ ފުޓުބޯޅަ މުބާރާތެވެ. "އެމްޕީ ކަޕު"ގެ ނަމުގައި ޗެމްޕިއަން ރަށަކަށް 50،000 ރުފިޔާ ދިން މި މުބާރާތް ފިޔަވައި ދާއިރާގެ ކުރިއެރުމަށް ރިޔާޒް ކޮށްދިން ކަމެއް ބޮޑުވާ ބިއްލޫރި އަޅައިގެންވެސް ނުފެނުނެވެ. ކުޑަމިނުން ދާއިރާގެ ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދައްކާލިތަންވެސް ފަސް އަހަރުގެ ދައުރެއް ނިމެންދާއިރުވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން ރިޔާޒް އެވަނީ ކިނބިދޫ ދާއިރާއަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދީފަތާއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން 2019 ގެ މަޖިލީސް އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ރިޔާޒް މިފަހަރު ކުރިމަތި ލައްވާއިރު ކިނބިދޫ ދައިރާއަށް އޭނާވެފައި ވާ އިހުމާލު އެ ދާއިރާގެ ރަށްތަކުގެ މީހުންގެ ހިތުން ފޮހެވިގެން ނުދާނެއެވެ. މީހަކު ހައްޖަށް ފޮނުވުމުން ނުވަތަ ދާއިރާއަށް އަމާޒުކޮށްގެން ކުޅިވަރު މުބާރާތެއް ފަސް އަހަރަށް ދަންމާ ކުރިޔަށް ގެންދިޔުމަކީ ތަރައްގީ ނަމަ ކިނބިދޫ ދާއިރާ އެވަނީ ތަރައްގީގެ އެންމެ މަތީ ހަރުފަތުގައެވެ. ނަމަވެސް އެތަރައްގީ ކިނބިދޫ ދާއިރާގެ ރައްޔިތުން ބޭނުމެއް ނުވެއެވެ.
ކިނބިދޫ ދާއިރާ ބިކަ ކޮށްލުމަށް ފަހު އަތޮޅުގެ އެންމެ ބޮޑު އާބާދީ އެއް އޮންނަ ތިމަރަފުށްޓާއި ވޭމަންޑޫގެ ރައްޔިތުންނާއި ދިމާލަށް ރިޔާޒް މިސްރާބު ޖަހާފައިވާއިރު އެ ދާއިރާގެ ރައްޔިތުންގެ ލޮލުގައި މިފަހަރު އޭނާ އަޅުވާނީ ކޮން އަނދުނެއް ބާއެވެ؟