ތަރައްޤީއާއި ތަހުޒީބުގެ ރޮނގުން ދުނިޔެ މިއަދު މިވަނީ އެތަކެއް ކުރިއެރުން ތަކެއް ހޯދާފައެވެ. އެތައް ބޮންތިއެއްގައި ހިފައިފައެވެ. ދުނިޔެ ދެކެމުންމިދާ ތަރައްގީއާއި ތަހުޒީބުގެ ކުލަތައް މިއަދު މިވަނީ އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް  ފޯރާފައެވެ. އަޅުގަނޑުމެން މިދިރިއުޅޭ ރާއްޖެވެސް މިދަނީ ތަރައްގީގެ ރޮނގުން އެތަކެއް އުސް ހަރުފަތްތަކެއް ގިރާކުރަމުންނެވެ. އެހެނަސް، ހިތާމައަކީ ގައުމު ތަރައްގީ ވާއިރުވެސް، ގައުމުގައި ދިރިއުޅޭ އަފްރާދުންގެ ވިސްނުމާއި، ފިކުރު ތަހުޒީބު ނުވާތީއެވެ. ދިވެހިން ހިތުން ކިތަންމެހާވެސް ތަހުޒީބެވެ. ނަމަވެސް އަމަލަކުން އެ ތަހުޒީބީ ކަމެއް ނުފެނެއެވެ. 

ތަހުޒީބީ ބައެއް ކަމަށް ދައުވާ ކުރާ ދިވެހިން، ކުނި އަޅަނީ ޖެހުނު ތާކަށެވެ. ރާއްޖޭގެ ތާރީޚްގައިވެސް  އެޅުނު ފުރަތަމަ ބުރިޖަށް ދިވެހިންނަށް އަރާލަން ލިބުނު ދުވަހު ކަންތައްވި ގޮތް އަޅުގަނޑު ހިތުން އަދި ދިވެހީންގެ ހަނދާނުގައި ހުންނާނެއެެވެ. ބުރިޖުގައި ސެލްފީތަކާއި ފޮޓޯތައް ނަގާފައި ރައްޔިތުން ބުރިޖުން ފޭބި އިރު، ނަލަ ނަލަ ބުރިޖެކޭ ކުނިގޮނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ރައިސެއްވެސް އެތައް ސިޔާސަތު ތަކެއް ތަންފީޒްކޮށްގެންވެސް ނުހުއްޓުވިފައި އޮތް ކަމަކީ މަގުމައްޗަށް ކުނި އެޅުމެވެ. ތިމާ ކިތަންމެ ނަލަ ހެދިލައިގެން ހުއްޓަސް، ތިމާ ދިރިއުޅޭ ވެށި ސާފުތާހިރުކޮށް ނުބޭއްވޭނަމަ، ތިމާ ފަރިވުމުގެ ބޭނުމެއް ނެތެއްނުންތޯއެވެ؟ ތިމަންމެންނަކީ ތަހުޒީބީ ބައެއް ކަމަށް ދައުވާ ކުރާ ދިވެހީންގެ ހާލަކީ މިއީއެވެ. 

ދިވެހިން ތަހުޒީބު ވިލެން ބޮޑުކަމުން މިއަދު، މީސްމީޑިއާ ފަދަ ސޯޝަލް ވިއުގަރ ތަކުގައި، ތިމާގެ އަޚާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލުމަކީ "ބައެއް" ދިވެހިން ފޫހިފިލުވާލަން ކުރާ ކަމަކަށް މިވަނީ ވެފައެވެ. މީހުންގެ ޒާތީ ދިރިއުޅުމާއި ބެހި، އެކަމާއި ބެހޭގޮތުން ތަފާތު ވާހަކަތައް ހަދަ ހަދައިގެން ދެއްކުމަކީ ދިވެހިންނަށް މިއަދު "ސަޅި" ކަމެކެވެ. މީވެސް ދިވެހިން ތަހުޒީބު ވިލެން ބޮޑުކަމުން ވަމުން އަންނަ ކަމެކެވެ.

ދިވެހިން ތަހުޒީބު ވާންވެގެން، ހުޅަނގުގެ ފެޝަނަށް ދެވި ހިފިލެން ބޮޑުކަމުން މިއަދު، ދިވެހިންގެ ކާބަފައިން ގެންގުޅުނު ރިވެތި އާދަކާދަ އާއި ޘަގާފަތްވެސް މިދަނީ އަޅުގަނޑުމެންގެ ތެރޭން ނެތެމުންނެވެ. ދިވެހި ގައުމުގެ އިޖްތީމާއީ ފޭރާން ބާވެ އެ ފޭރާމުގައި މިއަދު  މިވަނީ ބޮޑެތި ބާގަނޑުތަކެއް ހެދިފައެވެ. އަޅުގަނޑުމެންގެ ކާބަފައިން ކުރީގައި ލައި އުޅުނު ދިވެހިވަންތަ ޘަގާފީ ހެދުންތައް ލާން މިއަދު ޒުވާނުން ލަދުގަނެއެވެ. ޒުވާން އަންހެން ކުދިންނަށް، މިއަދު ދިވެހި ލިބާސް ލުމަކީ ވަރަށް "ވައި" ކަމެކެވެ. ދިވެހިން ކުރިން އަންނަ ހެން މުންޑު އަނދެލައިގެން ބޭރުގައި، އުޅެންވެސް ކެރޭނީ އިނގިލިން ގުނައިލެވޭހާ މަދު ފިރެހެނުންނަށެވެ. އެހެންކަމުން ދިވެހިން މިވެގެން އުޅޭ ތަހުޒީބަށް ދޭނެ ނަމެއް އަޅުގަނޑަކަށް ހަމަ ނުވިސްނުނުނެވެ.

އަޅުގަނޑުމެން އެންމެ ފަހުރުވެރިވެލާފައި، މޭ ބޮޑުކޮށްލާފައި، އަބަދުވެސް ދައްކާނީ އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ވާހަކައެވެ. "ދިވެހި ބަހަކީ ދިވެހިންގެ ފަހުރޭ" ކިޔާފައި، އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ހެދިއަކަސް ނުވާނެއެވެ. ބައެއް ދިވެހިންގެ އަމަލުތަކާއި، ބަސްމަގު ހުންނަ ގޮތުން ދިވެހި ބަހަކީ ދިވެހިންގެ ފަޚުރޭ ބުންޏަސް ގަބޫލުކުރާނެ މީހަކު ހުންނާނެ ކަމާއިމެދު ޝައްކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހި ބަހާއި އެހެނިހެން ބަސްތަކާއި މަސްހުނި ކޮށްގެން ވާހަކަ ދެއްކުމަކީ މިއަދު ޒުވާނުން ދެކޭގޮތުގައި، ވަރަށް "ކޫލް" ކަމެކެވެ. މިއަދު އެއްއަހަރު ނުވާ ތުއްތު ކުއްޖާއަށްވެސް ދަސްކޮށްދޭނީ އިނގިރޭސި ބަސްތަކެވެ. ސާނަވީ ދައުރު ނިންމާލައިފައި މުޖުތަމައަށް ނުކުންނަ ކުދިން ދެބަސް ދޭތެރެއިން ފަރަންޖީ ކޮންމެވެސް ބަހެއް ބޭނުން ކުރާނެއެވެ. މިއީ ހިސާބަށްވުރެ ބޮޑަށް ދިވެހިން ތަހުޒީބު ވުމުން ވާ ކަންކަން ކަންނޭނގެއެވެ.

ތަހުޒީބުވުމުގެ މާނައަކީ ތިމާގެ ގައިގައިވާ ރިވެތި އުސޫލުތައް ދުކޮށްލުމެއް ނޫނެވެ. ތިމާ ވާހަކަ ދައްކާ ބަހަށް އިހުތިރާމު ކުޑަކުރުމެއް ވެސް ނޫނެވެ. ބައެއް ދިވެހިން މިއަދު މިވަނީ ތަހުޒީބު ވުމުގެ ނަމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ. މިކަންކަން ރަނގަޅު ކުރަން މިހާރުން މިހާރަށް މަސައްކަތް ކުރަން އެބަޖެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *