މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ޑަބްލިއު ކޮންސްޓްރަކްޝަންސްއިން މަސައްކަތް ކުރަމުންދިޔަ އިމާރާތެއްގެ ފަސްވަނަ ބުރިން، ސިމެންތި ބަސްތާއެއް ވެއްޓި ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް، ނިޔާވި ރައުޝަން ޖިއާންގެ މަރަށް އިންސާފު ނުލިބެނީސް ރާއްޖެ ދޫކޮށް ނުދާނެ ކަމަށް އޭނާގެ މަންމަ ޑރ . ފަރުޒާނާ ހުސެއިން ބުނެފިއެވެ.
މިއަދު އުނިމާ ގްރޭންޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައުޝަން ޖިއާންގެ މަންމަ ޑރ. ފަރުޒާނާ ހުސެއިން ވިދާޅުވީ ރައުޝަން މަރުވީ ބޮޑު އިހުމާލަކުން ކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި އަނބުރާ މާލެ އައީ ރައުޝަންއަށް އިންސާފު ހޯދާދޭން ކަމަށެވެ.
"އަހަރެންގެ ދަރިފުޅު ރައުޝަން ޖިއާން މަރުވީ ބޮޑު އިހުމާލަކުންކަން ސާފުކޮށް ފެންނަން އެބަ އޮތް, އަނބުރާ މާލެ މިއައީ ރައުޝަން އަށް އިންސާފު ހޯދައިދޭން. މި މަސައްކަތް ހުއްޓާ ނުލާނަން, ރައުޝަންގެ މަރުގެ ތަހުގީގު ނުނިމެނީސް ރާއްޖެ ދޫކޮށް ނުދާނަން،" އަސަރާއި އެކު ރައުޝަންގެ މަންމަ ބުންޏެވެ،
ރައުޝަންގެ މަންމަ ވަނީ ރައުޝަން ނިޔާވުމުން އާއިލާއަށް ކުރިމަތިވި ފުން ހިތާމައިގެ ވަގުތުގައި ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން ހިމެނޭހެން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައުޝަންގެ އާއީލާގެ ގާނޫނީ ވަކީލުގެ ޓީމުން ވިދާޅުވީ ރައުޝަންގެ މަރުގެ ތަހުގީގު ދިވެހި ފުލުހުން ކުރިއަށް ގެންދަނީ ރަނގަޅު ސްޕީޑެއްގައި ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ރައުޝަންގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައިނުވާއިރު އޭނާގެ މަރާއި ގުޅިގެން ބާތިލް ކުރި ޑަބްލިޔު ކޮންސްޓްރަކްޝަންގެ އިމާރާތް ކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހުގެ ތެރޭގައި އަލުން އެ ކުންފުންޏަށް ދީފައެވެ