ހައްލު ކުރަން އެތަކެއް ކަމެއް މީސްކޮޅު މަދު މި ދިވެހިރާއްޖޭގައިވެސް އެބަހުށްޓެވެ. އޭގެ ތެރެއިން އެއްކަމަކީ ދުވާރު މަތިން ހިނގާފައި ދާއިރު މީހުންގެ ބޮލަށް ޝަބްނަމް ފޮދު އޮހޭ މައްސަލައެވެ.

ހަވީރު ފިންޔަށް ހިނގާލަން ނުކުމެ ހެޔޮކޮށް ދެފިޔަވަޅު އަޅާނުލެވިގެން އުޅެނިކޮށް ހުންނަނީ ލައިގެން ހުންނަ އެއްޗެެހި މުޅިން ހަރާބުވެފައެވެ. ކިތަންމެ ބަލައިގެން ދިޔަ ކަމުގައި ވިޔަސް، ގޭގޭގެ ބެލްކަނި މަތިން މީހަކު ޖަހަނީ ކުޅެއް ކަމެއް ނޫނީ ވެއްޓެނީ ހިއްކަން އަޅާފައި އޮންނަ ތެތް ޖަންގިޔަލެއް ކަމެއް ނޭނގެއެވެ. މިއީވެސް ބައެއް މީހުންގެ ޝަކުވާއެވެ.

އޮފީހަށް ދާން، ހުދު ގަމީސް އަޅައިގެން ގެއިން ނުކުންނަ މީހާ ދެކަންފަތުން ދުން އަރަމުން އަނބުރާ ގެއަށް ވަންނަނީ  ސިމެންތިން ހެދިފައިވާ "ކޭކް މިކްސް" އަކަށް ވެގެންނެވެ.

މިވަރަކުން އަދި މި ނިމުނީ އެއް ނޫނެވެ. ތަނެއް ދޮރެއް ބަލާލުމެއް ނެތި ލާން ގެންގުޅޭ އަންނައުނުތައް ދޮވެފައި މެޝިނުގައި ހުންނަ "ކުނި" ފެންގަނޑު ވެސް މި އަޅާލަނީ މަގުމަށްޗަށެވެ. އެތައް ބުރިއެއް މަތިން މިފެންތައް މަގުމަށްޗަށް އަޅާއިރު އެ ފެނުން ފެންވަރަން މިޖެހެނީ ނަލަ ހެދިލައިގެން މަގުތަކުގައި ހިނގާބިގާވެ އުޅޭ މީހުންނެވެ. މީދެން ފުކެއް ބޮޑުވަރެއް ނޫންތޯއެވެ؟ މެޝިނުން ދޫކުރާ ފެންގަނޑު ގޭގެ ފާހާނަ ތެރެއަށް ދާ ގޮތަށް ހެދުމަށް ގައިމު އަތުން "މިލިއަނެއް" ނުދާނެއެވެ. ދެތިން ފޫޓުގެ އެސްލޯނު ހޮޅިކޮޅަކުންވެސް އެކަން ފަރުޖައްސާލެވިދާނެއެެވެ. ނަމަވެސް ގިނަ މީހުންނަށް މިކަން ވަނީ ބުރަކަށިމަތީގައި "ތިމަރަ ގޯންޏެއް" ބަހައްޓައިގެން ހިނގުންހާ ބުރަ ކަމަކަށެވެ. މިހެންވުމުގެ އެއްވެސް ބަލާލުމެއް ނެތި މަގުމަށްޗަށް އެއްކަލަ ފެންބާލަދީ ނުވަތަ ފެން ހޮޅި ދޫކޮށްލެވެނީއެވެ.

ހެލްމެޓުގެ ވާހަކަ ދައްކާއިރު ހެލްމެޓް އަޅަންވީި ސިނަމާލެ ބުރިޖު ހުރަސް ކުރާއިރު އެކަންޏެއް ނޫނެވެ. ދުވާރު މަތީ ހިނގާއިރު އަޅަން ފުލް ބޮޑީ ހެލްމެޓެއްވެސް އުފައްދަން ވީއެވެ. ވިއްސާރަ ކޮޅެއް ވެހިލައިފި ނަމަ މާލޭގެ މަގުތައް "ނިއާގަރާ ފޯލްސް" އަށް ހަމަ އެންމެ ތަންފުކެއް ވެސް ދޫނުކުރެއެވެ. މިފަދަ ހިދުމަތްތައް މުޅިން ހިލޭ ލިބެން ހުންނަ އިރު ބޮޑު އަގު ދީގެން ރާއްޖެއިން ބޭރުގެ ރީތި މަންޒިލްތަކަށް ދިއުމުގެ އެއްވެއް ބޭނުމެއް ނެތްތާއެވެ.

ބެލްކަނީގައި ގަސް ހައްދާ މީހުން ގަސްތަކަށް ފެން ދޭން ވާނީ މީހުންނަށް އުނދަގޫ ވޭތޯ ބަލާފައެވެ. އަދި އިމާރާތް ކުރާ ތަންތަނުގައި ސަލާމަތީ ފިޔަވަޅު އަޅަން ވާނީ ހަމައެކަނި މީހަކަށް އަނިޔާއެއް ވުމުން އެކަންޏެއް ނޫނެވެ. އެކަންވެސް ދާއިމީ ގޮތެއްގައި ކުރަންވީއެވެ. މެޝިނުގެ ފެންހޮޅި ފާހާނައަށް ގުޅަން ޖެހެނީ މަގުމަތީ ހިނގާބިގާވެ އުޅޭ އާންމު ފަރުދުން އައިސް "ބޮލަށް" އަރާ ވަރު ކުރީމައެއް ނޫނެވެ. އަމިއްލައަށް ފެނިގެން އެކަން ކުރުމުން ގައިމު ބޮލަށްވެސް ފަސޭހައެއް ނޫނެޙެއްޔެވެ؟

މިފަދަ ކަންކަމަކީ ބޮޑު ކަންތައްތަކެއް ނޫނެވެ. މިއީ ވަރަށް ކުދި ވަރަށް "ސިމްޕަލް" ކަންތައްތަކެވެ. މިފަދަ ކަންތައްތައް އިސްލާހުކުރެވޭނީ ވަކި މީހެއްގެ އަމިއްލަ މަސްލަހަތަށް ނުބަލާ އެންމެންގެ މަސްލަހަތު އިސްކޮށް ފަރުދީ ޒިންމާ ނަގައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *