ދިވެހިންނަކީ ކަމެއް ކުރަން ފަށައިފިއްޔާ އެކަމެއްގައި ހައްދު ފަހަނައަޅާދާ ބައެކެވެ. މީހަކަށް ކިރިޔާ ކަމެއް ކުރެވުނަސް ދެން އެކަމަކަށް ހަޖޫ ޖެހުމުގައި މަސް ދުވަސް ހުސްކޮށްފާނެއެވެ.
ދައްކަން މިއުޅޭ ވާހަކައަކީ މީހުންނަށް ކުރެވޭ ނޭދެވޭ ކަންކަން ނުވަތަ ނުބައި ކަންކަމުގެ ވާހަކަ ދައްކާ، ސޯޝަލް މީޑިއާގައި މީހުން ފަލީހަތް ކުރުމާއި އެދުވަސްވަރެއްގައި ވާ ކަންކަމާއި ގުޅުވައިގެން ފާޑުފާޑުގެ "މީމް" ތައް ހެދުމުން ދިވެހިން އަވަދި ނުވެގެން އުޅޭ ވާހަކައެވެ.
ނުބައި ކަމެއް ނުވަތަ އޮޅިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެމީހަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ ވަރު ކަމެއް މީހަކަށް ކުރެވިއްޖެނަމަ އެންމެން ވެގެން އެމީހަކަށް ދެދުނިޔެ ދައްކާލައެވެ. އެ ފަދަ ކަމެއް ކުރާ މީހަކަށް އަބަދު އެ ވާހަކަތައް ތަކުރާރު ވަމުންދާތަން ފެނުމުން ނަފްސާނީ ގޮތުން ގެއްލުން ވުމުގެ އިތުރުން، ކުރެވުނު ކަމަކުން އަރައިގަނެ ކުރިއަށް ދެވޭ ތަނެއް ނުފެންނާނެއެވެ. އިންސާނެއް ނަމަ ކުށް ކުރެވޭނެއެވެ. އެހެނެއްކަމަކު އޭގެ މާނައަކީ ދެން ތިބި މީހުން އެމީހަކު ބޭޒާރުކޮށް އެކަހެރި ކޮށްލާށެކޭ ނޫނެވެ. ރަނގަޅު ގޮތަކީ އެމީހަކަށް އެ ކުރެވުނު ކަމެއް ދެވަނަ ފަހަރު ނުކޮށް ވޭތޯ ނަސޭހަތް ދީ އިސްލާހު ކުރުވުމެވެ. ނަސޭހަތް ދިނުމުން އަޑު ނާހާ ނަމަ އެހިސާބުން އަޅާނުލާ ބެހެއްޓީމަ ނިމުނީއެވެ. އޭރުން ދެ ފަރާތުގެ ވަގުތު ވެސް ސަލާމަތް ވީއެވެ.
ދެން އޮތް ކަމަކީ އެއިރަކު ވާ ކަންކަމާއި ގުޅުވައިގެން "މީމް" ހެދުމެވެ. މީހުން މުނިފޫހި ފިލުވައިދިނުމުގެ ގޮތުން މީހަކު ސޯޝަލް މީޑިއާގައި މިފަދަ އެއްޗެއް ހިއްސާ ކޮށްފާނެއެވެ. ނަމަވެސް ދެން ބަލާލާ ކޮންްމެ ދިމާލަކުން އެނޫން އެއްޗެއް ނުފެންނަ ވަރަށް، އެކަކަށްވުރެ އަނެކަކު ތަފާތު ޑިޒައިން ތަކަށް މިފަދަ އެއްޗެހި ސޯޝަލް މީޑިއާގައި ފެތުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ މީހުންގެ ބޮލަށް އުނދަގޫ ވުން ނޫން ކަމެއް ނުވާނެއެވެ. މާ މީމް ހަދާ ހިތް ވަންޏާ ދުވާލަކު ތަފާތު ކަމަކާއި ގުޅޭ ގޮތުން އެއްޗެއް ހެދީމަ ވީއެވެ. ދެން މިހެން ބުނުމުން ފޭސްބުކަށާއި އިންސްޓަގްރާމް ފަދަ ތަންތަނަށް ނުވަނީމަ ވީނުންހޭ ބުނީމަ އަދި މިކަންކަން ހައްލެއް ނުވާނެއެވެ. ސޯޝަލް މީޑިއާގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ މީހުންވެސް އުޅެއެވެ.
ހައްދު ފަހަނަ އަޅައިގެން ނުދާ ވަރަށް، ހުރިހާ ކަމެއް ވެސް ހެޔޮ މިނުގައި ބެހެއްޓުމުން ތިމާއަށްވެސް އަދި އެހެން މީހުންނަށްވެސް ފަސޭހަ ވެގެން ދާނެއެވެ. ވާދަވެރި ވާންވާނީ އެއިން ތިމާއަށް ނުވަތަ މުޖުތަމައަށް ފައިދާ އެއް ލިބިގެންދާނެ ކަންކަމުގައެވެ.