މަގުތަކަކީ އެކި މީހުން އެކި ބޭނުމަށް ބޭނުންކުރާ ތަނެކެވެ. އެއްތަނުން އަނެއް ތަނަށް ދަތުރުކޮށްލަން އެއްބަޔަކު ހިނގާ ބިނގާވެ އުޅޭއިރު، ކޮންމެވެސް އުޅަނދެއްގައި އަނެއް ބަޔަކު ދަތުރުކޮށް ހަދައެވެ. މަގުމަތީގެ އަދަބުތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މަގުތަކުގައި ސައިކަލު ދުއްވުމުގައި އަހަރުމެން ދިވެހީންގެ ވައްޓަފާޅިއަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.
ބައެއް ޒުވާން ޖިންސުންލަތީފުންނަށް ދަތުރުކުރަމުންދާ ސައިކަލުތަކަކީ ސުފުރާ މައްޗެކެވެ. ނުވަތަ ސައި ހޮޓަލެކެވެ. ހީވާނީ ގަޑި ކިޔައިގެން ކޮފީއަކަށް އަރައި ތިބޭހެނެވެ. ބަރިއަކަށް އެތުރިގެން ސައިކަލުތައް ދުއްވާފައި ދާއިރު ފަހަތުންނާއި އަރިމަތިން ދާ މީހުންނަށް ހީވާނީ ލަންކާގެ ސައި ހޮޓަލެއް ކައިރިން އަޅާފައި ދާހެނެވެ. އެހާމެ ވާހަކަ އޮލަވާނެއެވެ. ސަކަރާތް ޖަހާނެއެވެ. އެހެން މީހުންނަށް މައްލަވަ ކުރާނެއެވެ. މިއީވެސް ބައެއް މީހުން ސައިކަލު ދުއްވާއިރު ތިބޭ ގޮތެކެވެ.
ދެން ތިބީ އަދި މާ ހެއްވާ ބައެކެވެ. މި މީހުންނަށް ސައިކަލަކަށް އެރުނީމާ ދުނިޔެ ރަންވީއެވެ. ކުރިމަތިން ނިއުޅޭނީ ސައިކަލު ރޭސް ޖަހާ ޓްރެކެކެވެ. އެމީހުން ހިތުން އެ ދުއްވަނީ ކެނެޑާގެ ލަ ރޫޓް ވާޓް ރޭސިން ޓްރެކްގައެވެ. ކުރިމަތިން ފެންނާނީ 4000 ކިލޯ މީޓަރުގެ ރާސްތާއެކެވެ. މުއްގަނޑު ފެލައިލާ ގޮތަށް ޖެހިގެން ހުންނަ ފާރުގައި ޖެހުމުން ނޫނީ އެމީހުން މައިތިރި ނުވާނެއެވެ. ނޫނީ ކުރިމަތިން ދުއްވާ އެއްޗެއްގައި ޖެހި ލޮލަށް ލޭ އެރުމުން ނޫނީ ހެޔެއް ނާރާނެއެވެ. މިއީ ސައިކަލު ދުއްވާ ދިވެހިންގެ އެންމެ ނުރައްކާތެރިވެސް ވައްތަރެވެ.
ދެން އޮތީ މީގެ ދިމާ އިދިކޮޅެވެ. ބައި ހަދާފައި އެއްވާމެއްގައި ކަހަނބު ހިރޭ ވަރަށް ސައިކަލު ދުއްވާ މީހުންނެވެ. ގިނައިން އުމުރުން ދުވަސްވީ މީހުން މި ބަޔަށް ދިޔަ ނަމަވެސް މިހާރަކަށް އައިސް ޒުވާނުންވެސް މި ލިސްޓްގައި ހިމެނެއެވެ. ދާންވީ ތަނަކަށް ދިޔުމުގެ ކުރިން ވާހަކަ ނުނިމިދާނެތީ ކަމަށް ވެދާނެއެވެ. ފަހަތުން ކިތަންމެ ބޮޑު މުހުތާދަކައިގެން މީހަކު ކުރި އަރަން އުޅުނަސް ޖާގަ ނުދޭނެއެވެ. ކިތަންމެ ވަރަކަށް ބަރުގޮނު އެޅިއަސް މިމީހުންނަށް އެ އަޑު ލައްވަނީ މި މީހުންނަށް ތޯ ވެސް ހީ ނުވާނެއެވެ. ކަހާ ތަން ހިރުވާވެސް ނުލައި ދާންވީ ތާކަށް ގޮސް ދަތުރު ނިންމާލާނީ ހެރީ ޕޮޓާގެ ހުރިހާ އެޕިސޯޑެއް ހަމަކޮށްފައެވެ.
ބައެއް ދިވެހިންނަކީ ފަހަތުން އަރައި (އޯވަޓޭކް) ދިޔުމަކީ ފަޚުރެއްކަމަށް ދެކޭ މީހުންނެވެ. އަވަހަށް ތާކަށް ދާން ބޭނުން ނުވިޔަސް، ސަޅި ބިޓެއް ކުރިމަތިން ދާނަމަ ނުވަތަ ދެއްކޭ ކަހަލަ ގުރޫޕެއް ކުރިމަތިން ދާ ނަމަ އޯވަޓޭކްކޮށްލުމަކީ އެމީހުން ދެކޭ ގޮތުގައި ފަޚުރެކެވެ. އެހެން ދެވުނީމާ އެމީހުން ހިތުން ވަރަށް މޮޅުވީއެވެ. ދުން ހޮޅިން އަރާ ކަޅު ދުން އެހެން މީހުން ގަޔަށް ބުރުވާލާފައި ދެވުނީމާ އަދިވެސް ވާންވީ ފަޚުރުތޯއެވެ؟ ގިނަ ފަހަރަށް އޯވަޓޭކް ކޮށްފައި ގޮސް މުޑިއަރާނީ ކޮންމެވެސް ތާކަށެވެ.
ދުނިޔެމަތިން އާވާރާވެ ވިސްނާނޭ އިތުރު ކަމެއްނެތި ސައިކަލު ދުއްވާ ކުދިންކޮޅެއްވެސް އުޅެއެވެ. ސައިކަލަކަށް އެރުނީމާ ދެން އެވީއެވެ. މަރުވިޔަސް ހެވޭ ބުނެ އަޑިގަނޑަކަށް ތާކު ޖަހާފައި ހުރި ނިޝާނަކަށް ބެލުމެއްނެތި ދުއްވާ ދިވެހިންވެސް މަދެއް ނޫނެވެ. ގިނަ ފަހަރަށް ފުރާވަރަށް އަރާ ކުދިން މި ބައިގާ އުޅޭއިރު މިއީ އެންމެ ބަލަން އުނދަގޫ ވައްތަރޭވެސް ބުނެވިދާނެއެވެ. ސައިކަލު ދުއްވަން ނޭނގޭ މީހަކަށް ސައިކަލެއް ލިބުނީމާ އުޅޭނީ މިހެންނެވެ.
މިއީ ހިމަނާ ނުލައި ދޫ ނުކޮށްލެވޭނެ ބައެކެވެ. ޓައިޓޭނިކްގެ ހިތްގައިމު ލޯބީގެ މަންޒަރުތައް ހިތަށް ގެންނަވާށެވެ. ނޫނީ ނަހުލާގެ އަސަރުގަދަ ފިލްމު ކަލާޔާނުލާގެ މަންޒަރެއް ސިފަ ކޮށްލައްވާށެވެ. ލޯބިވެރިން މާ ފޮޅުވަމުންދާއިރު ހީވާނީ މަގުމަތީގައިވެސް ކައިވެނި ކުރެވޭ ހެނެވެ. ދާންވާ ތަނަކަށް ދެވޭއިރު ހޯދާނެ ދަރިންނާ ކިޔާނެ ނަމަކަށް ދާންދެން އޮންނާނީ ނިންމާފައެވެ. ނަމަވެސް ހިތާމައަކީ އެހާ އިޝްގީ ދަތުރެއްކޮށް ނިންމާފައި ދާއިރު ބަފައިބެ ނުރުހި ކައިވެނިވެސް ނުކުރެވުމެވެ.
ދެންތޯއެވެ. ރައްޓެހިވެގެން އުޅޭ ދެމީހަކު ނުވަތަ ދެމަފިރިއަކު ސައިކަލަށް އަރައިފިނަމަ، ދެން އެވީއެވެ. ހެމުން ޗަކަޗަކަ އަޅުވަމުން ދާއިރު ހީވާނީ ސަހަރޯއެވެ. ބައެއް ފަހަރަށް އެ މަންޒަރު ފެންނަ މީހަކުވެސް ލަދުން ދުއްވަމުން އައި އުޅަނދު މަޑު ކޮށްލަން ޖެހެއެވެ. އެމީހުންނަށް ހީވާނީ ބާރަށް ބައްދާ ތަގުޑި އެޅުވި ވަރަކަށް ބާރަށް ދުވާ ހެނެވެ.
މިއީ ދިވެހިންގެ ސައިކަލު ދުއްވުމުގެ ވައްޓަފާޅި ހުރި ގޮތެވެ. މުޑިއެރުން އާންމުވެ ފުރާނަތައް ވަކިވަމުންދާއިރު ހަމަ އެކަނި ސަރުކާރަށް ފޫޅު ކަނޑައިގެން މިކަން ހައްލު ކުރެވޭކަން ނެތްކަމީ މި ދެންނެވި ކަންކަމުގެ މައްޗަށް ބަލާއިރު ހަޤީޤަތެވެ. ފުރަތަމަ އިސްލާހު ކުރަންވީ ދިވެހިންގެ އުޅުމެވެ.