މާލޭ ރިންގް ރޯޑްގައި ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޕީއެލް އިން ބުނީ، މާލޭގައި ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ.
މާލޭ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސްތައް މަޑުކުރުމަށް ހަތަރު ތަނެއް ކަނޑައަޅާފައި ވެއެވެ.
އެމްޕީއެލުން ބުނީ، ބަސް ދަތުރުކުރާ މަގުތައް އިތުރު ކުރުމުން އިތުރު ބަސް ސްޓޮޕްތައް ހަދަން ފަށާނެ ކަމަށާއި އެ ސްޓޮޕްތައްވެސް ހިޔާކުރާނެ ކަމަށެވެ.
ބަސްދަތުރުގެ ހިދުމަތްތައް މިހާރު ދެނީ އެމްޕީއެލް އިންނެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީއިން ދެކޭ ގޮތުގައި ބަސް ދަތުރުތައް އެމްޓީސީސީގެ ދަށަށް ބަދަލުކިރެވުނުން ބަސް ދަތުރުގެ ހިދުމަތަށް އިތުރު އާރޯކަމެއް ލިބިގެންދާނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި މިނީ ބަސް ތައާރަފް ކުރަން ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ސިނިމާލެ ބުރިޖު އަދި ހުޅުމާލެ އިން މާލެ ނުވަތަ އެއާޕޯޓަށް ބަހުން ދަތުރު ކުރުމަށް 10ރ. ޗާޖް ކުރެ އިރު ބަހުން ދަތުރު ކުރެވެނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ.