ނަވާރަ ވަނަ ރައްޔިތުން މަޖިލިސް އެމްޑީޕީގެ އަތުން ސަލާމަތް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވި ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސް ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ، ޕީއެންސީގެ މެންބަރު، އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިންތިހާބަށް އެކުގައި މަސައްކަތް ކުރަން ތިބި ފަރާތްތަކަކާއެކު މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީ ތައްޔާރަށް އޮތް ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެފައިވާއިރު، މިއަދު ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އިތުބާރުނެތް އަދި އަނިޔާވެރި ވަކިތަކުން ރައްޔިތުން މަޖިލިސް ސަލާމަތް ކުރުމަަށް ގާސިމް ފެއްޓެވި މަސައްކަތުގައި އެމަނިކުފާނު ޖުމްހޫރީ ޕާޓީއާއެކު ހުންނެވި ކަމަށެވެ.
އަދި ރައްޔިތުން އެދޭ މަޖިލީހެއް ހޮވައިދޭނެ ކަމަށާއި އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބުނަ ނުދޭނެ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ވާދަ ކުރާނެ ގޮތަކާމެދު އެއްބަސް ނުވެވި ކޯލިޝަންގެ މައި ދެޕާޓީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ބޮޑު އަރާރުންވުމެއްގެ ތެރޭގައިވާއިރު އެ ދެޕާޓީގެ ލީޑަރުން ދަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ފާޑުވިދާޅުވަމުންނެވެ.