ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން ރާއްޖޭގައިވެސް ދަނބިދަރިންނާއި މައިދައިތަގެ ގުޅުން ހީނަރުވެ، އެއްގޮތަކުންވެސް ސުލްހަ ނުވެވޭ ފަހަރު އާދެއެވެ. މިއީ އާންމުކޮށް މައިދައިތަ ހިތްހަމަ ނުޖެހިގެން ދިމާވާ ކަމެކެވެ. އެހެންކަމުން ދަނބިދަރިން ކޮންމެހެންވެސް މައިދައިތަ ރުއްސޭތޯ ބަލަން ވާނެއެވެ.

އެންމެ ފުރަތަމަ ކަމަކީ ބަދިގެ ތެރޭގެ އުކުޅުތައް ނިކަން މޮޅަށް ބޭނުންކޮށްލެވޭނެހެން ދަސްކުރުމެވެ. ފިރިމީހާ ނުވަތަ ފިރިމީހާގެ އާއިލާ މީހުންނަށް މީރުކޮށް ކައްކާފައި ކާންދޭން ނޭނގުމަކީ މައިދައިތަ ރުންކުރުވާނެ އެންމެ ފުރަތަމަ ކަމެވެ. ކައްކާ އެއްޗެހީގެ މީރުކަމުން މައިދައިތަވެސް ކުޅުދިޔާވެ، ނުރުހުމުގެ އެންމެ ބަހެއް ވެސް ނުބުނެވޭ ވަރު ކުރާށެވެ. ދެން މީރު ވިޔަސް ފާޑު ކިޔާނަމަ މައިދައިތަގެ ރަނގަޅު ކަމުގެ ވާހަކަ ވީހާވެސް ގިނައިން ދައްކާށެވެ.

ދުވާލަކު ދެފަހަރު ނަމަވެސް ގޭތެރެ ފޮޅާ ސާފު ކުރަން އާދަކުރާށެވެ. އަރިކައްޓަށް ތަދެއް އެރިޔަސް، ދުވަހަކު އިލޮށިފައްޗެއްގައި އަތް ނުލިޔަސް، ކުނިކެހުމަކީ މައިދައިތަ ކޮންމެހެންވެސް "އިމްޕްރެސް" ވާނެ ކަމެކެވެ. ސާފު ކުރާއިރު ސާފު ކުރާނީ ހަމައެކަނި ތިމާ އުޅޭ ކޮޓަރި އެކަންޏެއް ނޫނެވެ. ގޭގެ ކާގެ އާއި ބަދިގެ އަދި ސިޓިން ރޫމް ވެސް ސާފު ކުރަން ވާނެއެވެ. ބާއްވަން ވާނީ ހަމަ އޮފު އަރުވާފައެެވެ.

އަންނައުނު ދޮވެ އިސްތިރި ކުރާ މަންޒަރަކީ މައިދައިތަމެންނަށް އިރު އަރާ މަންޒަރުހާ ރީތި މަންޒަރެކެވެ. ވީމާ ގައިން އޮށް ދާ ހިއްލި ނަމަވެސް އެއްޗެހި ދޮވެ އިސްތިރި ކުރަންވާނެއެވެ. ތަންކޮޅެއް މުސްކުޅި އަދި ކުރީ ޒަމާނުގެ ގޮތް ގަނޑު ގެންގުޅޭ މައިދައިތައެއް ނަމަ އޮޓޯ މެޝިނަށް އިތުބާރު ނުކުރާށެވެ. އަންނައުނު ދޮންނަތަން ފެންނަން ވާނެއެވެ. އެހެންކަމުން މެނުއަލް ދޮންނަ މެޝިނެއް ގެންގުޅުން ބުއްދިވެރިއެވެ. އަދި އިސްތިރި ކުރާއިރު ފިރިމީހާގެ ގަމީހަށްވުރެ ބަފައިބެ ގަމީހަށް އިތުރު ސަމާލުކަމެއް ދޭން ވާނެއެވެ. މައިދައިތަ އަށް ގިނައިން ފެންނާނީ ބަފައިބެ ލައިގެން ހުންނަ ގަމީހެވެ. އެހެންކަމުން އެންމެ ރުލެއްވެސް ނުބޭންދޭތޯ ފަރުވާ ބަހައްޓައިގެން އިސްތިރި ކުރާށެވެ.

މޮޑަރން ސްޓައިލެއް ގެންގުޅޭ މައިދައިތައެއް ނަމަ މައިދައިތައާއި ފޭސްބުކް މެދުވެރިކޮށް ގުޅާލަން ވާނެއެވެ. ވީހާވެސް ގިނައިން މީމް ތަކަށް ޓެގް ކޮށް ސްޓޭޓަސް ތަކުގައި މައިދައިތަ ޓެގް ކުރަން ވާނެއެވެ. މައިދައިތައަކީ ތިމާގެ ބެސްޓްފްރެންޑް ނޫން ކަމުގައި ވީނަމަވެސް މައިދައިތަގެ ލޯމަތީގައި އެ އަނދުންވެސް އަޅުވަން ވާނެއެވެ. ގިނަގިނައިން މައިދައިތައާއެކު ސެލްފީ ނަގައި އިންސްޓަގްރާމް ކުރަން ވާނެއެވެ.

ދެން އޮތް ކަމަކި ތިމާގެ ފިރިިމީހާގެ ކޮއްކޮއެއް ނުވަތަ ބޭބެއަކު އިނދެގެން ގެންނަ އަންހެނުންނަށްވުރެ ހުރިހާ ކަމަކުން މަތީގައި ހުރެވޭތޯ ބަލަން ވާނެއެވެ. ނަމަވެސް އެފަދަ އަންހެނަކަށް އިހާނެތި ކޮށް ހިތައި ތިމާއާއި ދޭތެރޭ އެމީހެއްގެ ހިތުގައި ނަފުރަތު އުފެދޭނެ ގޮތެއް މެދުވެރިވިޔަ ނުދޭށެވެ. އެންމެންނާވެސް އެކުވެރި ވާން ވާަނެއެވެ.

ދަރިން ލިބުމުން ދަރިންގެ ކަންކަމުގައި މައިދައިތަގެ ހިޔާލު ހޯދުމަކި މައިދައިތަ ވަރަށް އުފާ ވާނެ ކަމެކެވެ. ތިމާ ކިތަންމެ ނުރުހޭ ކަމެއް ދަރިންނަށް ކޮށްދެން އުޅުނަސް ދިމާ އިދިކޮޅަށް މައިދައިތަ އާއި ދިމާލަށް ބަސްބުނެ ނަހަދާށެވެ. ހަމަ ދެންމެ ދެންމެ ގެއިން ނުކުމެގެން ގޮސްފާނަމޭ ހިތައް އެރިޔަސް ކެތްކޮށްލާށެވެ.

މައިދައިތަ އަށް ހަދިޔާ ދިނުމަކީ ވެސް އެދެވިގެންވާ ކަމެކެވެ. މައިދައިތަގެ "ޓޭސްޓް" އެނގުން މިކަމުގައި ވަރަށް މުހިންމެވެ. މިސާލަކަށް މައިދައިތައަށް ކަމުދާ ސެންޓުން ފެށިގެން ފައިވާނުގެ ވަދަށް ދަންދެން އެނގެން ވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *