މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެފައިވާތީ މޫދަށް އެރި އުޅުމުގައި ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
އެގޮތުން ފުލުހުން ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެފައިކަމަށާއި އެހެންކަމުން މޫދަށް އެރި އުޅުމާއި މޫދުގައި އެކި އެކި ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ފަތުރުވެރިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް މޫދަށް އެރި އުޅުމުގައި ރައްކާތެރިކަމަށް އިތުރަށް ފަރުވާތެރިވުމަށް އިލްތިމާސް ކުރާ ކަމުގައެވެ.
މޫދަށް އެރި އުޅުމުގައި ރައްކާތެރިކަން އިތުރު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު ފާއިތުވި 12 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެނބިގެން ހަތަރު މީހަކު ވަނީ މަރުވެފައިވެއެވެ.
އަދި އިރުވައި މޫސުމުގެ ވަޔާއެކު އޮއިވަރު ވެސް ބާރުކަމަށް ފާހަގަ ކުރެވޭތީ ކުޑަކުދިންނާއި ފަތަން ނުދަންނަ މީހުން މޫދަށް އެރި އުޅުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވުމަށާއި މޫދަށް އެރި އުޅުމުގައި އަޅަން ޖެހޭ ސަލާމަތީ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެެ.
ފުލުހުން ވަނީ މޫދުގައި ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުން ދިއުމާއި ގުޅިގެން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.