ދިވެހިންނަކީ ނަމުން ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ޖަޒީރާ ގައުމެކެވެ. ރާއްޖެ އިސްލާމްވިތާ އެތައް ސަތޭކަ އަހަރުވެގެން ދިޔަ އިރު އެކި ދުވަސްވަރު އިސްލާމްދީނާ ބީރައްޓެހި ޢަމަލުތައް މި ދިވެހި ފަސްގަނޑުން ވަނީ ފެނިގެން ގޮސްފައެވެ. އަމިއްލަ ބުލޮގްތައް ހަދައިގެން އެކަން ކުރާ މީހުންވެސް މަދެއްނޫނެވެ. ފޭކް އައިޑީތަކާއި ތަފާތު ޕޭޖްތައް ހަދައިގެން އެކަން ކުރާ މީހުންވެސް މަދެއް ނޫނެވެ. ފާޅުގައި އެކަން ފެނިގެން ދާން ފެށުމުން އެކަމުގެ ނުރައްކާ މިއަދު މިވަނީ އިންތިހާއަށް ބޮޑު ވެފައެވެ. މިހެން މިކަން ވާން މެދުވެރިވާ ސަބަބެއްކަމަށް އަހަރެންގެ ޒަމީރު ޤަބޫލުކުރަނީ ދިވެހިން އިސްލާމްދީނާއި ބީރައްޓެހިވުމެވެ. ދީނުގެ އަސާސީ ކަންކަން ނޭންގުމެވެ. ނުވަތަ އެކަންކަން އޮންނަ ގޮތް ރަނގަޅަށް ފަހުމް ނުވުމެވެ.
ދިވެހިން ބުނާތީ އުޅެއެވެ. ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށެވެ. ތެދެކެވެ. މިކަމުގައިވެސް އޮތީ މިހެން ކަމަށް ބުނެވިދާނެއެވެ. ރާއްޖެ އިސްލާމްވި ދުވަހުން ފެށިގެން މިހާތަނަށް އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތް އެންމެ ރަނގަޅަށް ރައްޔިތުންނަށް ނުވަތަ އާންމު ފަރުދުންނަށް ބުނެ ދެވިފައި ނުވާ ކަމަށް ބުނެވިދާނެއެވެ. ނަމާދު ކުރާނޭ ގޮތާއި ރޯދަ ހިފާނޭ ގޮތް އެނގުނެއް ކަމަކު އަޢުރަ އަކީ ކޮބައިކަން އަދި އަޢުރަ ނިވާ ނުކުރުމުން ލިބޭ އަޒާބުގެ ވާހަކަ އެންމެ ތިލަކޮށް ބުނެދެވިފައި ނުވާ ކަމީ ހަޤީޤަތެކެވެ. އިހުގެ ދިވެހި ފިރިހެނުން މުންޑުލައިގެން އުޅުނެއްކަމަކު، ރުކަށް އަރަން ނުވަތަ އެހެން މަސައްކަތެއް ކުރާންވީމާ އެ މުންޑަށް ހަދާލާ ގޮތުން އެކަނިވެސް އެކަމުގައި ހޭލުންތެރިކަން ނެތް މިންވަރު އެނގެއެވެ. ކިތަންމެ ބައިވަރު އަންހެނުން ތިބިނަމަވެސް، އަރުވާ ޖަހާލާނީއެވެ.
ތުނބުޅި ދިގު ކުރުމުގައިވެސް ކަން އޮތީ މިފަދައިންނެވެ. އާންމު ގޮތެއްގައި ފިރިހެނުން ތުނބުޅި ދިގުކުރާން ފެށުމާއި އަންހެނުން މޫނު ބުރުގާ އަޅަން ފެށުނީ ހިޖުރީ ތާރީޚުން 1097 (1685 މ) ކަމަށް ތާރީޚުން ފެންނަން އެބަ އޮތެވެ. އެއީ މިހާރު މާލޭ ހުކުރު މިސްކިތް ބިނާ ކުރެއްވި ކީރިތި މަހާރަދުން އައްސުލްޠާން އިބުރާހިމް އިސްކަންދަރުގެ ހަޔާތްޕުޅުގެ ފަހުކޮޅެވެ. މިކަން ހިނގާން މެދުވެރިވީ ޙަމާތުގެ ބޭކަލެއްކަމުގައިވާ އައްސައްޔިދު ޢަބުދު ރައްޒާޤުގެ ފުތް ސައްޔިދު މުޙައްމަދު ޝަމްސުއްދީން ކަލޭގެފާނު ދިވެހިރާއްޖެއަށް ދީނީ ނަޞޭހަތްދީ ހޭލުންތެރިކަން އިތުރުކުރުމަށް ވަޑައިގެން ހުންނެވި ދުވަސްވަރެއްގައި ކަމަށް ބުނެވެއެވެ. އެ ދުވަސްވަރު މިކަން ކޮންމެވެސް ވަރަކަށް އާންމުވެފައި އޮވެފައި، ދެން ދިވެހި އަންހެނުން އަނެއްކާވެސް ހުޅަނގުގެ އަވާގައިޖެހި ބުރުގާތައްވެސް ބޮލުން އެއްލާލިއޭ ބުނެވިދާނެއެވެ. އަދި މިކަން ދެން މީހުންގެ ހިތު ތެރެއަށް ވަދެ މީހުނާއި ޒުވާން އަންހެން ކުދިން ބުރުގާ އަޅަން ފެށީ ސިޔާސީ ހަރަކާތްތައް ފެށި ދުވަސްވަރު ޢަދާލަތުޕާޓީގެ ދަރުސްތަކުންނާއި އެދުވަސްވަރު ނެރުނު މަޝްހޫރު އަލީރަމީޒުގެ މަދަހަ ސީޑީތަކުގެ ސަބަބުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ.
މިހާ ހިސާބުން ހިތުގައި އުފެދެނީ ސުވާލެކެވެ. ދީނީ ކަންކަން ޚާއްސަކޮށް އަޢުރަ ނިވާކުރުން ކަހަލަ ކަންކަން މީހުންނަށް ވިސްނައިދޭން މިހާ ގިނަ ދުވަސްވީ ކީއްވެތޯއެވެ؟ މި ދައްކަނީ 2005 ގެ ވާހަކައެވެ. ރާއްޖެ އިސްލާމްވިތާ އެތައް އަހަރެއްގެ ވާހަކައެވެ. މިކަން މިހެން ވާންވީ ކީއްވެ ހެއްޔެވެ؟
މިކަންކަމުގެ ޒިންމާ އެންމެ ފުރަތަމަ އުފުލަން ޖެހެނީ އެއިރަކު ވެރިކަމުގައި ހުރި މީހެކެވެ. ރަސްކަން ކުރި އިރުން ފެށިގެންނެވެ. ޚާއްސަކޮށް ކަރަކަރައިން އިސްލާމްދީން އުނގެނިގެން އައިސް ވެރިކަން ކުރެއްވި ބޭފުޅުންގެ ޒިންމާ މިކަމުގައި ބޮޑެވެ. އިހުމާލު އިންތިހާއެވެ. ތަޢުލީމް ދިޔާނާގައި ލިޔެލުމަކުން ނުވަތަ ކޮންމެ ރޯދަމަހަކު ޕޯޑިއަމަށް އަރައި އިހްޔާ ކުރުމަކުން ރައްޔިތުންނަށް މިކަން ވިސްނައިދެވުނު ކަމަކަށް ނުބުނެވޭނެއެވެ. ދީނީ ޢިލްމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ ތިލަކޮށް ފޯރުކޮށްދެވިފައިނުވާ ކަމީ މިއަދު މިދެކޭ ކަންކަމުގެ އަސްލެވެ.
ޒިންމާ ނަގަން ޖެހޭ ދެވަނަ ބަޔަކީ ތަޢުލީމް ދޭ ފަރާތްތަކެވެ. މިކަން ސަރުކާރާއި ނުވަތަ ވެރިކަމާއި ގުޅިފައި ވިއެއްކަމަކު، ކިޔަވައިދިނުމުގެ ތެރެއިން ދީނުގެ ކަންކަން އެންމެ ރަނގަޅަށް ފޯރު ކޮށްދެވިފައިނުވާ ކަމީ ޤަބޫލުކުރަންޖެހޭ ހިތްދަތި ހަޤީޤަތެކެވެ. އަދި މީގެ އިތުރުން ފަރުދީ ގޮތުން މިކަމުގައި ކުޅެން ޖެހޭ ރޯލު ނުކުޅެވިފައިވުމަކީވެސް ކުށެކެވެ.
އެންމެ މުހިއްމު އެެއްކަންތައް އަދި އޮތީއެވެ. ނަމުން ސައްތައިން ސައްތައެއް ކަމަކު ޢަމަލީ ގޮތުން އެކަން ފެންނާކަށްނެތެވެ. ހުރިހާ އެއްޗެއް ލިޔެވިފައި ހުއްޓެއްކަމަކު، ތަންފީޒު ނުކުރެވުމުގެ ނަތީޖާ މިއަދު މިފެންނަނީއެވެ. ވައްކަން ކުރީމާ އަތް ނުކަނޑާތީ ކޮންމެ މީހަކަށްވެސް ވައްކަން ކުރަން ކެރެނީއެވެ. ޒިނޭ ކުރީމާ ރަޖަމް ނުކުރީމާ އެކަންވެސް މިވަނީ ކުޑަ ކަމަކަށް ވެފައެވެ. އިސްލާމްދީނުގައި އަދަބު ކަނޑައެޅިފައި ހުންނަ ކަންކަން އެގޮތަށް ފެށުނީންސުރެ ތަންފީޒު ކުރެވެމުން އައި ނަމަ، މިއަދު މިފެންނަ ފިކުރީ ހަނގުރާމަ މި ދަރަޖާގައި ނުފެނުނީސްކަން ޔަޤީނެވެ. ދިވެހިން އިސްލާމްދީނާ ބީރައްޓެހިވުމުގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟