ދުނިޔޭގައި މިހާރު ހުރިކަމަށް ބެލެވޭ އުމުރުން އެންމެ ދުވަސްވީ ފިރިހެންމީހާ، 113 އަހަރުގައި މަރުވެއްޖެއެވެ.
އިއްޔަ މަރުވެފައިވާ އެންމެ ގިނަ ދުވަސްވީ ފިރިހެން މީހާއަކީ ޓެކްނޮލޮޖީގެ ގޮތުންނާއި ސިއްހީ ގޮތުން ކުރިއަރަމުން އަންނަ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ، މަސާޒޯ ނޮނާކާއެވެ.
ދުނިޔޭގެ ރެކޯޑް ފޮތް ބުނާގޮތުން މަސާޒޯ ނޮނާކާ އުފަންވެފައިވަނީ 1905 ވަނަ އަހަރުއެވެ. އެއީ އިންޖީނުއެޅި މަތިންދާ ބޯޓު އުދުހެންފެށިތާ ދެއަހަރު ފަހެވެ.
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެންމީހާގެ ލަގަބު، ދުނިޔޭގެ ރެކޯޑުފޮތުން މަސާޒޯ ނޮނާކާއަށް ދިނީ މިދިޔަ އަހަރުއެވެ. އެއީ، އޭރު ދުނިޔޭގައި ހުރި ކަމަށް ރެކޯޑް ކުރެވިފައިވާ އެންމެ ގިނަ ދުވަސްވީ ފިރިހެން މީހާ، ސްޕެއިންގެ ފްރަންސިސްކޯ ނުނޭޒް އޮލިވެރާ މަރުވުމާ ގުޅިގެންނެވެ.
މަސާޒޯ ނޮނާކާ މަރުވި އިރު އޭނާގެ އެއްބަނޑު އެއްބަފާ ހަ ފިރިހެނުންނާއި އަންހެނަކު އެބަހުށްޓެވެ. އަދި 1937 ވަނަ އަހަރު އޭނާ ކުރި ކައިވެންޏަށް ލިބުނު ފަސް ކުދިންވެސް އެބަތިއްބެވެ.
މިހާތަނަށް އެންމެ ގިނަދުވަހު ދުނިޔޭގައި ހުރި ކަމަށް ރެކޯޑް ކުރެވިފައިވާ ފިރިހެން މީހާ ޖިރޯމަން ކިމޫރާ އަކީވެސް ޖަޕާނަށް އުފަން މީހެކެވެ. ކިމޫރާ މަރުވެފައިވަނީ އުމުރުން 116 އަހަރުގައި 2013 ވަނަ އަހަރުގެ ޖޫންމަހުއެވެ. ޖަޕާނަކީ މުޅި ދުނިޔެއިންވެސް ލައިފް އެކްސްޕެކްޓެންސީ އެންމެމަތީ އެއް ގައުމަށެވެ.