ސްރީލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވާ ދިވެހި ހަ މީހުންނަކީ އެގައުމުގައި މިދިޔަ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި އެއްވެސް ގުޅުމެއް ނެތް ބައެއްކަން "ޖަޒީރާ ނިއުސް"އަށް ކަށަވަރުވެއްޖެއެވެ.
ލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކަކީ، އެ މީހާ ދިރިއުޅޭ ގޭގައި ދިރިއުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއްގެ އަތުން، ހައްދުފަހަނަ އަޅައިފައިވާ އިސްލާމިކް ސްޓޭޓްސް، އައިއެސް ޖަމާއަތުގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނުމުން ހައްޔަރުކުރި މީހެކެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަރު އުމުރުގެ ފިރިހެނެކެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެގެއިން ފެނިފައިވަނީ "ބްލެކް ފްލެގްސް:ދަ ރެއިސް އޮފް އައިއެސް" ނަމަކަށް ކިޔާ އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެކެވެ. އަދި އެ ފޮތަކީ ލަންކާގެ ސަރުކާރުން ގަނެވިއްކުމުގެ ހުއްދަ ދީފައިވާ، ލަންކާގެ ބޮޑެތި ބުކްޝޮޕްތަކުންވެސް ވިއްކާ ފޮތެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މާދަމާ ހެނދުނު 10:00 ގައި އޭނާ ކޯޓަށް ހާޒިރުކުރާނެއެވެ.
ލަންކާއިން ހައްޔަރުކުރެވުނު 6 މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިއްޔަ ހައްޔަރު ކުރެވުނު މީހުންނެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ލަޔަން ސިޓީ ނެގަމްބޯ އިންނެވެ. އަދި އެ މީހުންނަކީ ލަންކާގައި އެއަރކްރާފްޓް އިންޖިނިއަރިން ކިޔަވަމުން ގެންދާ ހަތަރު ދަރިވަރުންކަމަށް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާގޮތުން ދިވެހި ހަތަރު ދަރިވަރުން ހައްޔަރުކުރީ ލަންކާ ފުލުހުން އެމީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ބަލާ ފާސް ކުރުމުގެ ތެރޭގައިި އެއަރރައިފްއެއް ފެނިގެނެވެ. އެ ރައިފަލް އަކީ ބައެއް ކަހަލަ ކުޅިވަރުތައް ކުޅުމަށްވެސް ބޭނުން ކުރާ ރައިފަލްއެކެވެ.
"ޖަޒީރާ ނިއުސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ހަތަރު ދަރިވަރުންގެ ބަންދާއި މެދު ގޮތަށް ނިންމުމަށް ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރާނެއެވެ.
ފޮރިން މިނިސްްޓްރީން ވިދާޅުވެފައިވަނީ ލަންކާގެ ފުލުހުން ރާއްޖޭގެ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރި 6 ވަނަ މީހާގެ ތަފްސީލެއް ފޮރިންގ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮން މައްސަލައެއްގައި ހައްޔަރުކުރެވުނު މީހެއްކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.