ކުޅިވަރުގެ ގިނަ ސާމާނު ވިއްކާ "ދަ މެރެތަން ޝޮޕް މޯލްޑިވްސް"ގެ ބްރޭންޑް އެމްބެސަޑަރަކަށް ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު ހަމަޖައްސައިފިއެވެ.
ޝިފާޒް އަކީ މެރެތަން އާއި ހާފް މެރެތަންގެ ގައުމީ ރެކޯޑް އޮންނަ އެތްލީޓެކެވެ.
ޝިފާޒް މިހާރު ތައްޔާރުވަމުން ދަނީ ދުބާއީގައި މިމަހުގެ 25 ގައި އޮންނަ މެރެތަންއަށެވެ. އޭނާގެ އުންމީދަކީ އެ މެރެތަންގައި ރާއްޖެ ފަހުރުވެރިވާނެ ފަދަ ކާމިޔާބީތަކެއް ހޯދާ ހަޔާތުގައި ހަތަރުވަނަ ފަހަރަށް މެރެތަންގެ ރެކޯޑް އާކުރުމެވެ.
"ދަ މެރެތަން ޝޮޕް މޯލްޑިވްސް"އިން ވިދާޅުވީ އެ ފަރާތުގެ އަމާޒަކީ ކުޅިވަރާއި ބެހޭ އެންމެ ޒަމާނީ ސާމާނު އެތްލީޓުންނަށް ފޯރުކޮށްދީ ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް އެކަމުގެ ސަބަބުން ލިބިގެންދިޔުން ކަމަށެވެ.