ގޭންގްތަކުން ޝަރުއީ ދާއިރާއާށް ނުފޫޒު ފޯރުވާކަމަށް ބުނެ ހުސްނުއް ސުއޫދު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ޖޭއެސްސީގެ އެދުމުގެ މަތިން އެކަމާއި ގުޅުންހުރި ހެކި ސުއޫދު ޖޭއެސްސީއާ ހިއްސާ ކުރައްވައިފި ކަމަށް އޭނާ ވިދަޅުވެއްޖެއެވެ.
ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ރައީސް ހުސްނުއްސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝަރުއީ ދާއިރާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާ ގޭންގުތަކާ އޮންނަ ގުޅުމާ ގުޅޭގޮތުން ސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ، ޖޭއެސްސީން އެދިފައިވާ ގޮތަށް މިހާރު އެ ކޮމިޝަނަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
ސުއޫދު ދެއްކެވި ވާހަކަތައް ޖޭއެސްސީން ސީރިއަސްކޮށް ބަލަން ފަށާފައިވާއިރު ސުއޫދު ވިދާޅުވެފައިވަނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށާއި، ފަނޑިޔާރުންނާއި ގޭންގުތަކާއި ގުޅުން އޮންނަ ކަމަށެވެ. މިއީ ގޭންގްތަކުގެ ނުފޫޒު ޝަރުއީ ދާއިރާއަށް ވަދެފައި އޮތްކަން ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ދެއްކެވި ފުރަތަމަ ފަހަރެވެ.
ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓު އިސްލާހު ނުކޮށް މަރުތައް ތަހުގީގު ކުރި ނަމަވެސް އިންސާފު ނުލިބޭނެ ކަމަށެވެ.
ގޭންގުތަކާއި ފަނޑިޔާރުންނާ އޮންނަ ގުޅުން ބެލުމަށް ޖޭއެސްސީން ވަނީ ކޮމެޓީއެއް އެކުލަވާލައިފައެވެ. އެ ކޮމެޓީގެ ރައީސަކީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. ރިފްއަތުގެ އިތުރުން ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.