ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އިތުރު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަން މުހައްމަދު މިއުވާން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ޖުމުލަ ހަ ދިވެހިން ގެންގޮސްފައިވާ ކަމަށެވެ. ލަންކާގެ ފުލުހުން ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިއްޔެ ހައްޔަރުކޮށްފައިވާ މީހުންނެވެ. އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ލަޔަން ސިޓީ ނެގަމްބޯ އިންނެވެ. އެ މީހުން ހައްޔަރުކުރީ ލަންކާ ފުލުހުން އެމީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ބަލާ ފާސް ކުރުމުގެ ތެރޭގައި، އެ އެޕާޓުމަންޓުން ޖަނަވާރު މަރަން ގެންގުޅޭ ބަޑިއެއް ފެނިގެންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ މިއަދު އެގައުމުގެ ފުލުހުން ގެއެއް ފާސްކުރުމުގެ ތެރޭގައި، އެގޭގައި އުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއް ގެންގުޅޭ އިސްލާމިކް ސްޓޭޓްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ، މި ނާޒުކު ދަނޑިވަޅުގައި، އެއްވެސް ދޮގު މައުލޫމާތެއް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި މީޑިއާ ތަކަށް ވަނީ މައުލޫމާތެއް ފެތުރުމުގެ ކުރިން އެ މައުލޫމާތެއްގެ ސައްހަކަން ބެލުމަށް އިލްތިމާސް ކޮށްފައެވެ.