ޤިޔާމަތްވުމަކީ ހަޤީޤަތެކެވެ. ނަމަވެސް ޤިޔާމަތް ވާނެ ވަގުތަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އެނގިގެންވާ ކަމެއްނޫނެވެ. ހުދު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް އެކަން އެނގިވަޑައި ނުގަންނަވައެވެ. ނަމަވެސް އެކަލޭގެފާނުވަނީ އެ ޤިޔާމަތް ދުވަހުގެ ޢަލާމާތްތައް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނަށް އެކަންތައްތައް އެނގިވަޑައިގަތީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަން ބަޔާންކޮއްދެއްވުމުންނެވެ.
ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ ތެރޭގައި އެތައް ސަތޭކަ ކަމެއް ހިމެނޭއިރު އޭގެ ތެރެެއިން ބައެއް އަލާމާތްތައް މިހާރު ފާޅުވެފައިވާ ކަމަށާއި އަދި ފާޅުވަމުން އަންނަ ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ ތެރެއިން އެންމެ އާންމު އަލާމާތަކީ ކުއްލި މަރު ގިނަވުމެވެ.
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިވީ 15 ވަރަކަށް ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުއްލި ގޮތެއްގައި މަރުވެފައެވެ. އެގޮތުން މިއަދުވެސް މިވަނީ މަރުވެފައިވާ ދެ މީހުން ހުޅުމާލެއިން ފެނިފައެވެ.
ޤިޔާމަތުގެ ބައެއް ކުދި އަލާމާތްތައް ތިރީގައި އެވަނީއެވެ.
- ރަސޫލު ކަމަށް ދައުވާކުރާ މީހުން އާންމުވުން
- މީހުން މެރުން އާންމުވުން
- ޒިނޭ އާންމުވުން
- ކުއްލި މަރު ގިނަވުން
- ބިންހެލުންތައް ގިނަވުން
- އަމާނާތްތެރިކަން ގެއްލި ދިޔުން
- މުދާ އިތުރުވެ ތިޔާގި ވުމުގެ ސަބަބުން ޒަކާތް ހިފާނެ މީހަކު ނުވުން
- މަރުވުމަށް އެދުން
- މިސްކިތް ބިނާކުރުމުގައި އެކަކު އަނެކަކަށް ފަހުރުވެރިވުން.
އަދި މިނޫންވެސް އެތައް އަލާމާތެއް ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.