މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރުވި 27 އަހަރުގެ އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލަމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރާއި އެއްގޮތަށް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.
ވިޝާމާގެ އާއިލާ އިން ބައެއް މީޑިއާތަކުގައި މީގެ ކުރިން ބުނެފައިވަނީ ވިޝާމާ މަރުވީ ފިޓް ޖެހިގެން ކަމަށެވެ. ނަމަވެސް އޮންލައިން ނޫހެއްކަމަށްވާ "ރާއްޖެ އެމްވީ" އިން ބުނެފައިވާ ގޮތުގައި ވިޝާމާ މަރުވެފައިވަނީ ޕާޓީ ޑްރަގް ބޭނުން ކުރުމުގެ ސަބަބުން އޯވާޑޯޒް ވެގެންނެވެ. ވިޝާމާ މަރުވީ އޯވާޑޯޒް ވެގެންކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.