ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފްރޭމް ކުރި މައްސަލަ ތަހުގީގުކޮށްދީ އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް އެދި އޭނާ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދާ ބައްދަލު ކުރެއްވުމަށް ފަހު، ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްރޭމް ކުރިގޮތުގެ ތަފްސީލު ކޮމިޝަނަރާ ހިއްސާކުރައްވާފައިވާނެ ކަމަށާއި އިއްޔެ ސިޓީ އަކުން އެ މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފައިވާ ކަމަށެވެ.
2014 ވަނަ އަހަރު ޖެނުއަރީ މަހު ކާނަލް ނާޒިމްގެ ދިރިއުޅުއްވި އެޕާޓްމަންޓު ބަލާ ފާސްކުރުމުގެ ތެރޭގައި އެ އެެޕާޓުމެންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އެނާ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
ނަމަވެސް ނާޒިމްގެ ފަރާތުން އަލުން އެ މައްސަލަ ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިދިޔަ މަހު އެ ހުކުމް ބާތިލް ކޮށް ނާޒިމް މިނިވަން ކޮށްފައެވެ.