ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން އައިޝަތުގެ ފާނަށް ނިސްބަތްކޮށް ދައްކައިގެން ނުވާނެ ވާހަކަތަކެއް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބުރާ) މީސް މީޑިއާގައި ދައްކައިފިއެވެ.
ލާދީނީ އެތައް ވާހަކައެއް، މީސް މީޑިޔާގައި ފަތުރަމުންދާ އިބުރާ މިއަދު ކުރި ޓްވީޓެއްގައި ވަނީ ރަސޫލަކީ صلى الله عليه وسلم އަށް ވަރަށް ބޭއަދަބީ ކޮށް މުހާތަބުކުރައްވާފައެވެ.
އެގޮތުން ރަސޫލާ صلى الله عليه وسلمއަކީ އަމާނާތްތެރި ބޭކަލެއް ނޫންކަމަށް މޭރުންފަދަ އިބާރާތްތައް އިބުރާ ބޭނުންކުރައްވާފައިވާއިރު އޭނާ ވަނީ ރަސޫލާ صلى الله عليه وسلم ގެ އަނބިކަނބަލުން އައިޝާ ރަޞިޔަﷲ އަންހަށް އެއްވެސް ޤަދަރެއް ނެތި ވާހަކަ ދައްކާފައެވެ.
ރަސޫލާ صلى الله عليه وسلمއަކީ އަމާނާތްތެރިކަމުގެ ސަބަބުން ޣައިރު މުސްލިމުންގެ މެދުގައިވެސް "އަލް އަމީން"، އަމާނާތްތެރިޔާ ގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި އަމާނާތްތެރިއެކެވެ. އަދި އަމާނާތުގެ ގޮތުގައި އެކަލޭގެފާނުގެ އަތްފުޅަށް ޢައިރު މުސްލިމުންވެސް މުދާ ހަވާލުކުރައްވާ ކަމަށް އެކަލޭގެފާނުގެ ސުންނަތުން ހާމަވެއެވެ.
އިބުރާ ވަނީ ޚުލަފާއުއްރާޝިދޫންގެ ދެވަނަ ޙަލީފާ، އުމަރުގެފާނަށްވެސް އެއްވެސް އިޙުތިރާމެއް ނެތި އެތަކެއް ވާހަކައެއް ދައްކަވައިފައެވެ. އަދި އުންމަތުގެ ރަސޫލަކީ صلى الله عليه وسلم ކަމާއި މެދު އިބުރާ ވަނީ ސުވާލު އުފައްދާފައެވެ.
އިބުރާގެ މި ޓްވީޓާއި ވިދިގެން އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާއިރު ދީނީ އިލްމުވެރިން ދަނީ އިބްރާއަކީ ލާދީނީ މީހެއްގެ ގޮތުގައި ސިފަކުރައްވާ ތައުބާވާން ޖެހޭ ކަމުގައި ވިދާޅުވަމުންނެވެ.