ކުއްޔާއި ފެނާއި އަދި ކަރަންޓް ބިލްތައް ދައްކަމުން ދިރިއުޅެން ކުއްޔަށް ލިބޭ ކުޑަ ތަންކޮޅުގައި ދުމައްޓެއްގައި ދިލައަރުވަން ޖަހާފައި ހުރި ވަޅޯމަސްތަކެއް އަތުރާލާފައި ތިބޭހެން އުޅެން ޖެހުނު ނަމަވެސް ވަޒީފާގެ ދަހިވެތިކަމާއި، ސިއްހީ ނިޒާމާއި ތައުލީމީ ގޮތުން ލިބެން ހުރި ވަސީލަތްތަކުގެ ދަހިވެތިކަމުގައި ދިރިއުޅެން ބޭނުންވަނީ މާލެ ސަރަހައްދުގަ އެވެ. ކިތަންމެ ބޮޑު ކުއްޔެއް ދައްކަން ޖެހުނު ނަމަވެސް އެއީ އެކަން އޮތްގޮތް ކަމަށް ދެކިލައިގެން އުޅެން ބޭނުންވަނީ މާލޭގަ އެވެ. އާންމު މީހައަށް ނުބައްދަލުވާ ވަރަށް ކުލި އެންމެ ބޮޑަށް އަރައިގެން ދިޔައީ ޑިސެމްބަރު 26، 2004 ގައި ހިނގި ސުނާމީ ކާރިސާ އަށް ފަހު އަމިއްލަ ވަޒަން ދޫކޮށް ގިނަ ބަޔަކު ވެރިރަށް މާލެ އަށް ހިޖުރަކުރުމާ ގުޅިގެންނެވެ.

އުފެދިގެން އައި ބޮޑު ޑިމާންޑާއި އެއްކޮށް އެއްވެސް އުސޫލެެއް ނެތި ކުއްޔަށް ދެމުން އައިތަންތަނުގެ ކުލި ބޮޑުވެގެން ދިޔައީ އެކަކު އެކަނި މަސައްކަތްކޮށްގެން ކުއްޔަށް ތަނެއް ހިފައިގެން އުޅެވޭނެ ވަރަށް ވުރެން މާ މައްޗަށެވެ. ސުނާމީގެ ކުރިން ވެރި ރަށް މާލޭގައި، އެއްކޮޓަރީގެ ތަންތަން 2000ރ. އާއި 3000ރ. އާއި ދެމެދުގެ އަގަކަށް ކުލިނަގާފައި އެބަހުއްޓެވެ. ނަމަވެސް ޑިމާންޑް ބޮޑުވެ، މާލޭގައި ގެދޮރު ހުރި ފަރާތްކުން ހިތުހުރި އަގަކަށް ކުލި ބޮޑުކުރަމުން ގޮސް މިއަދު އެކަކު އެކަނި ކުލީގެ ބުރަ ނަގައިގެން އުޅެވޭނީ އާދަޔާހިލަފަށް ބޮޑު މުސާރެއް ނުނީ ވިޔަފާރިއެއް ކުރަމުން އަންނަ ފަރާތަކެވެ. މާލޭގައި ކުއްޔަށްދޭ ތަންތަނަށް ބަލާއިރު، ކުއްޔާއި އެ އިމާރާތުގެ ބޮޑުމިނާ އަދި ހަދާފައިވާ ފެންވަރާ އެކަށީގެންވޭތޯ އެއްވެސް ވަރަށް ބެލުމެއްނެތެވެ. ކޮންމެ ފެންވަރަކަށް ހުރި ނަމަވެސް ތަންކޮޅު ކިތަންމެ ކުޑަ ނަމަވެސް ކުލި ކުޑައެއް ނުވެ އެވެ. ޑިމާންޑް ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މިސަބަބާހުރެ، ކުލީގެ ވައްޓަފާޅި އަށް ކުއްޔަށްދޭ ފަރާތުން ބޭނުން ކޮންމެ ގޮތެެއް ހެދުމުގެ ފުރުސަތު އޮންނަނީ ހުޅުވާލެވިފަ އެވެ. ކުލީގެ ކަންކަން އެކަށީގެންވާ ގޮތަކަށް ބަލާނެ އިދާރާއެއް ނެތެވެ.

ދެން އުފަންވީ އެޑްވާންސް ކުލި ނެގުމުގެ ވަރުގަދަ "ޓްރެންޑް" އެކެވެ. ފުރަތަމަ އެއް މަހުގެ އެޑްވާންސް އެެވެ. ދެން ދެ މަސް، ތިން މަސް ގޮސް މިހާރު އެއް އަހަރުން ދެ އަހަރުން ގޮސް، އެތައް އަހަރަކަށް އެޑްވާންސަށް ކުލި ނެގެމުގެ ވައްޓަފާޅިއެއް މިއަދު މިވަނީ އުފަންވެފަ އެވެ. މީގެ ސަަބަބުން ނޭދެވޭ މައްސަލަތަކެއް ދިޔައީ ފެންމަތިވަމުންނެވެ. އެކަށީގެންވާ ގޮތަކަށް ކަންކަން ނުބެލޭތީ އުޅޭ އެޕާޓްމަންޓް ދޫކޮށް އަނެއް ތަނަށް ބަދަލުވާއިރު، އެއްފަހަރާ ދެއްކި އެޑްވާންސް ފައިސާ ނުލިބިގެން ކުރިން ހިފި ތަނަށް ވުރެ ފެންވަރު ދަށް ތަނަކަށް ބަދަލުވާން ޖެހިފައިވަނީ ކިިތައް މީހުންނަށް ތޯ އެވެ؟ ހައްލެއް ނެތި އެތައް އަހަރުތަކަށް ދެމިގެންދާ މި މައްސަލައަށް ހައްލެއް ކަމަށް ބަލައިގެން އެކިއެކި ސަރުކާރު ތަކުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ހުޅުމާލޭ އިން އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކުން ވެސް އެކަން ކުރަން ފެށީ ވިޔަފާރިއެއްގެ ގޮތުގައެވެ. މީގެ ކުރިން އެމީހުން އުޅުން ހާލު ހަދާން ނެތި "ޓްރެންޑަށް" އެ ފަރާތްތަކުން ފެތި، ލިބުނު ބޯހިޔާވަހިކަން ބޮޑު ވިޔަފާރިއަކަށް އެ ފަރާތްތަކުން ވެސް ބަދަލުކޮށްލީ އެވެ. އެއްބަޔު ދިރިއުޅެން ދިން އެޕާޓްމަންޓުން އެއް ކޮޓަރި ކުއްޔަށް ދޭއިރު ނުއަގުގައި ބޮޑު ކުލީގައި މުޅި އެޕާޓްމަންޓް އެއްކޮށް ކުއްޔަށް ދިނުމަށް ފަހު ލިބޭ ކުލީގެ ފައިސާ އިން މާލޭގައި އެއަށް ވުރެ ކުޑަ ތަންކޮޅެއް ކުއްޔަށް ނަގައިގެން ފައިސާ ބާކީ ކޮށްގެން އުޅޭ މީހުންނެެއްވެސް މަދެއް ނޫނެވެ. މިކަން މިހާ ހިސާބަށް ބޮއްސުންލައިގެން ދިޔައީ އެކަށޭނެ ނިޒާމެއްގެ ތެރެއިން ފެށިގެން ކަންކަން ތަރުތީބުވަމުން ނައުމުގެ ސަބަބުންނެވެ. ނަމަވެސް ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާބެހޭ ގާނޫނެއް ޑްރާފްޓް ކުރުމަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފަ އެވެ. މި އާ ގާނޫނާ އެކު ކަންކަން ކޮންމެ ވެސް ވަރަކަށް ތަރުތީބުވެ، މިހާރު އޮތް ހާލަތުން ކުލީގެ ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެެއަށް ފެތިގެންދާނެ ކަމުގެ ކޮންމެ ވެސް ވަރެއްގެ އުންމީދެއް މިވަނީ އުފެދިފަ އެވެ. 

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވީ އެ ގާނޫނަކީ އިމާރާތްތައް ކުއްޔަށް ދިނުމާބެހޭ މުއާމަލާތްތައް ހިނގަމުންދާއިރު އޭގައި ހުންނަންޖެހޭ ހުރިހާ ބައިތަކާއި ޝަރުތުތައް ކުރެވިފައި ހުންނަންޖެހޭ ތަފްސީލްތައް ހިމެނޭ ގާނޫނެއް ކަމަށެވެ. "އޭގައި އޮންނާނެ ކޮން ފެންވަރެއްގައި ހުންނަންޖެހޭ ތަނެއްކަން، އެޑްވާންސް ޕޭމެންޓް ކުރިއަށްގެންދާނެ ގޮތް، އެޑްވާންސް ޕޭމެންޓް ނަގަން ޖެހިއްޖެ ހާލަތެއްގައި ނެގޭނެ ގޮތް، މުއްދަތެއް ކަނޑައަޅަންޏާ އެގްރީމެންޓް ކުރެވޭނެ މުއްދަތެއް ކަނޑައެޅޭނެ ގޮތް،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، އެ ގާނޫނަކީ ކުއްޔަށްދޭ މީހާ އާއި ކުއްޔަށް ހިފާ މީހާގެ ހައްގުތަކާއި އެތަންތަނުގައި ހުންނަންޖެހޭ އެހެން ޒަރޫރީ ޝަރުތުތައް އެކުލެވޭ ގާނޫނެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ގާނޫނުގައި ސީދާ ކުލި ކޮންޓްރޯލް ކުރުން ނުހިމެނޭނެ ކަމަށެވެ.

މި ގާނޫނު މެދުވެރިކޮށް ސީދާ ކުލި ކޮންޓްރޯލް ނުކުރި ނަމަވެސް ކުއްޔާ ބެހޭ އިދާރާ އެއް އުފައްދާ އެ އިދާރާގައި ރަޖިސްޓްރީނުވެ، ކުއްޔަށް ނުދެވޭނެ ގޮތެއް ނުހެދޭނެތޯ އެވެ؟ އަދި އެ އެދީރާއިން އެތަނެއް ބެލުމަށް ފަހު އެތަނަށް ކުއްޔަށް ދެވޭނެ އެންމެ މަތީ އަގަކާއި ކުޑަ އަގެއް ކަނޑަނޭޅެނެ ތޯ އެވެ؟ އަދި ކުއްޔާ ބެހޭ އެގްރިމަންޓަކީ އެ އިދާރާ މެދުވެރިކޮށް ކުރާ ކަމެއް ކަމުގައިވާނަމަ، އެކަށީގެންވާ ނިޒާމެއްގެ ތެރެއިން އެކަންކަން ބެލުމަށް ފަސޭހަވެގެން ނުދާނެތޯ އެވެ؟

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *