ހަތެއް ފެބްރުއަރީ 2013 ގައި ހިނގާދިޔަ ކަންކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗެލެންޖުކުރަން ޕޯޑިއަމަށް ވަޑައިގަންނަވަން ރައީސް ނަޝީދަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވުމުން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުއްޣަފޫރު ނާޒިމަށް ރައްދު ދެއްވައިފިއެވެ.
ހާމިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޗެލެންޖަށް ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ ތައްޔާރުވެ ތިބޭތާ ހަ އަހަރުވެއްޖެ ކަމަށެވެ. އަދި މާބޮޑަށް ލަސްވެއްޖެ ކަމަށްވެސް ހާމިދުގެ ވިދޅުވިއެވެ.
ހާމިދު މިފަދައިން ވިދާޅުވެ ޓުވީޓުކުރައްވާފައިވާ އިރު، "އަވަސް ހުކުރު" ޕްރޮގްރާމްގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވަނީ ހަތެއް ފެބްރުއަރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން އެ ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ހަގީގަތަކީ އެ ހާލަތުގައި އެކަން އެމަނިކުފާނަށް ކޮންޓްރޯލް ނުކުރެވުން ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. އަދި އެކަން އެމަނިކުފާނު ގަބޫލު ކުރައްވަން ޖެހޭ ކަމަށެވެ.
ނާޒިމު މިފަދައިން ވިދާޅުވި އިރު ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމުގެ އެންމެ އިސް ސަފުގައި ހުންނެވީ ނާޒިމް ކަމަށް އެމްޑީޕއާއި ރައީސް ނަޝީދުވެސް ވަނީ ތުހުމަތުކޮށްފައެވެ.