މަޝްހޫރު ޝާއިރު މަރުހޫމް ހުވަރަފުށީ އާދަމް ސަލީމް ހައްދަވާފައިވާ ޅެންބައިތެކެވެ. މަރުހޫމް އާދަމް ސަލީމުގެ ސިފަކުރެއްވެވުން މިއަދު މިރާއްޖޭގެ މަސްރަހުން ފެންނަ މަނާޒިރުތަކާއި ދާދި އެއްގޮތެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމަށް އެތައް ތުހުމަތު ތަކެއް ކުރެވި، މ.މާފަންނުވިލާއިން ހުރަގެއަށް ނަގުލުކުރެވުނީ އުވިދިޔަ ވެރިކަމުގެ ތެރޭގައެވެ. ނަމަވެސް ޤާސިމުގެ ހެވަތާއި، މަދަދުގައި ގޮނޑިގޮނޑިއަށް އިންތިޚާބުވި ގިނަމެންބަރުން އޭރުތިއްބެވީ އެކަމަށް ތަރުހީބުދެއްވާ، އަތްޖައްސަވާށެވެ. ޤާސިމް ބަންދުކުރެއްވުމުން އެކަމާއި ދެކޮޅަށް އަޑުއުފުލައި، ޤާސިމުގެ ދިފާއުގައި ބަސްބުނުމަށް އެންމެ ކުރިއަށް އޮތީ އެމްޑީޕީ އެވެ. އެމްޑީޕީ ގެ ލީޑަރޝިޕާއި އާންމު މެންބަރުންވެސް ހިމެނޭގޮތުންނެވެ. އެދުވަހު ޤާސިމާއި، ޤާސިމުގެ އަރިސް ބޭބޭފުޅުންނަށްވެސް އެމްޑީޕީ ވެގެންދިއައީ އެންމެ ހެޔޮއެދޭ މިތުރަށެވެ.

ވެވުނު އެއްބަސްވުން ތަކާއި ހެދުނު ޑީލްތަކަށްފަހު، ރިޔާސީ އިންތިޚާބާއި ދެބައިމީހުންވެސް ކުރިމަތިލީ އެކުއެކީގައި އަތާއިއަތް ގުޅާލައިގެނެވެ. "ދުވަހަކު ވަކިނުވާން، ދުވަހަކު ދެރައެއް ނުދޭން" ބުނާފަދަ ބީދައަކުންނެވެ. 23 ސެޕްޓެމްބަރުގައި ރައީސް ޔާމީނުގެ މައްޗަށް، ރައީސް ސޯލިހަށް އެހާފަސޭހައިން ކާމިޔާބު ހޯއްދެވުމުގެ އެއްމެބޮޑު ސަބަބަކީ މިދެންނެވި ގުޅުމެވެ.

ރިޔާސީ އިންތިޚާބު ނިމި، އިންތިޚާބީ ރައީސް ހުވައި ކުރެއްވުމާއި ހަމައަށްވެސް ޤާސިމް އިބުރާހިމްގެ ކެތްތެރިކަން އޮބަހައްޓާލާނޭ ބުންވަރެއް ނުހޯދުނެވެ. ރައީސް ޔާމީނު އެބޭފުޅެއްގެ މަޤާމުގެ ދިފާއުގައި ވެރިކަމާއި، އެއްބަނޑުތިމާގެ ކަމާއި، އެކުވެރިކަން ޤުރުބާން ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ހަމަ ކުއްލިއަކަށް ޤާސިމް ބޭނުންފުޅު ވެލައްވައިފިއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަދެގެން އައިއިރު ހުރި ރޯޅީގެ ބާރުގެ ސަބަބުން، މަޖިލީހުގެ ރައީސް މަސީހު ވެސް "އައިން ދޫކުރައްވައި ފައްސިޔާ ކޮއްލެއްވީ" ނުހަނު ފަރިތަކޮށެވެ. އިސްތިއުފާ ދެއްވީއެވެ. އިހަށް ދެދަޅަމައްޗަށް ހައްސަ ބާނަމުންދިޔަ އައިނެއް ކުއްލިއަކަށް އެހާ ފަސޭހައިން ދޫކޮށްދާ ކެޔޮޅެއްގެ ލޮލުކޮޅަށް ލައްކަގިނަ އައިނަށް ހޯރަ ޖަހާތަންވެސް ފެންނާނެކަން ގައިމެވެ.

ކޮންމެއަކަސް، ދޮންބަންޑާރައިންގެ ރަސްކަމުގައި އިބުރާހިމް ރަސްގެފާނުގެ މުހައްމަދު މަނިކުފާނު މާލެ ބޭލުއްވިފަދަ ޢިއްޒަތުގައި ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި ވަޑުވައިފިއެވެ. މިކަން ވެގެންދިޔައީ އިދިކޮޅާއި އެއްކޮޅުވެސް ގުޅި، ވަކިކޮޅެއް ނޭނގޭފަދަ އޮޅޮންބޮޅޮން ގަނޑެއްގެ ތެރޭގައެވެ. ދެންފެށުނީ އިހަށްދުވަހާއި ހަމަޔަށް ވެސް ޤާސިމަށާއި، އެމްޑީޕީއަށް ފުރައްސާރަކޮށް ގެއްލުންދިނުމުގައި އެންމެ އިސްކޮށްތިބި ވަކިބަޔަކު ކައިރިކުރުމުގެ މަސައްކަތެވެ. ކުނިބުނި ސާފުކުރުމުގެ ބަދަލުގައި ގޮނޑަށް ފައިބާ ކުނިބުނި ހޮވާ އެއްކުރުމުގެ މަސައްކަތެވެ. މަޖިލީހުގައި އާއްމު ރައްޔިތުންނާއި ގުޅުންހުރި ނުހަނުގިނަ މަސައްކަތްތައް ހުއްޓާ ފުރަތަމަވެސް ފާސްކުރަމުން ގެންދާންފެށީ ސީދާ ޤާސިމް އިބުރާހިމް އާއި ގުޅުންހުރި ބިލްތަކެވެ. އެއަށްފަހު އަޑުއިވުނީ ޤާސިމު ކައިރިކުރެއްވި މެންބަރުން ރައީސް ސޯލިހުގެ އިތުބާރުނެތް މައްސަލަ މަޖިލީހަށް ވައްދަން ގޮވާލަން އުޅުނު އަޑެވެ.

މިވަރަކުން މި ނިމުނީއެއް ނޫނެވެ. މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައަކީވެސް ވަކި ކުޑަ މައްސަލައެއް ނޫނެވެ. މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ފޯރީގައި ސަރުކާރުގައި ހިމެނޭ ހަތަރު ޕާޓީއިން ހޭބޯ ނާރާ އުޅޭއިރު މިއިވެނީ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީން ކޯލިޝަންގެ މައިޕާޓީ އެމްޑީއާއި ދެކޮޅަށް ނުކުންނަން އުޅޭ މަންޒަރެވެ. ފާޅުގައި އެމްޑީޕީއާއި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާ ދެކޮޅަށްވެސް ޕޯޑިއަމްތަކުގައްޔާއި މީސްމީޑިއާ ވިއުގަރ ތަކުގައި ޖޭޕީގެ ރައީސް ޤާސިމް އިބްރާހިމް ދަނީ ޝުއޫރު ފާޅުކުރައްވަމުންނެވެ. އެންމެ ފަހުން އެމަނިކުފާނު އެވަނީ އެމްޑީޕީއާއި ވަކިން އެހެން ބަޔަކާއި އެކު ކޯލިޝަން ހަދަން ތައްޔާރައް އޮތް ކަމަށް ވިދާޅުވެފައެވެ.

'ދަގަނޑުކަމުގައި ވަނީނަމަ ރަނުން އުއްތިއަސް، ދަބަރު ހިލުވާނެކަން އެންގި މީދަރެހެކޭ.'

މަރްހޫމް އާދަމް ސަލީމް އެ ވިދާޅުވީ ކިހައިބޮޑު ތެދުފުޅެއްތޯއެވެ؟ ދަގަނޑުގަނޑެއް ނަމަ އޭގައި ކިތަންމެ ވަރަކަށް ރަން އުއްތިޔަސް ދަބަރު ހިލޭނެ އެވެ. ޤާސިމް އިބްރާހިމަކަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމު ވެސް ކަމަކުނުދިޔަ އެވެ. ކުރީގެ ރައީސް ނަޝީދެއް ވެސް ކަމަކުނުދިޔަ އެވެ. ކުރީގެ ރައީސް ވަހީދު ވެސް ކަމަކުނުދިޔަ އެވެ. ކުރީގެ ރައީސް ޔާމީނެއް ވެސް ކަމަކުނުދިޔަ އެވެ. މިހާރު މިފެންނަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ކަމުނުދާ ކަމުގެ މަންޒަރުތަކެވެ. ލޯބިން ގޮސް ކޯލިޝަން ހެދި އެމްޑީޕީވެސް ކަމުނުގޮސްގެން އުޅޭ މަންޒަރެވެ. ޤާސިމަށް ކަމުދާނީ ހަމަ ޤާސިމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *