ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވުމަށް، ކޯލިޝަން ހަދަން ޖެހިދާނެކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވައިފިއެވެ.
ގާސިމް ދާދި ދެންމެއަކު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން މިފަހަރުވެސް ޖޭޕީ މަގުމަތިކޮށްލާފައިވާ ކަމަށެވެ.
އަދި މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމަށް ޖޭޕީއާ މަޝްވަރާ ކުރައްވަން ބޭނުންވާ ފަރާތްތަކާ ވާހަކަ ދެއްކުމަށް ޖޭޕީން ތައްޔާރުވެފައިވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ޓުވީޓުގައި ވަކި ފަރާތަކާ ކޯލިޝަން ހަދަން ޖެހިދާނެ ކަމަށް ވިދާޅުނުވި ނަމަވެސް މިވަގުތު ސިޔާސީ ބަރުދަނެއް ހުރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިވަގުތު އޮތީ ޕީޕީއެމް ނުވަތަ ރައީސް ޔާމީންގެ ޓީމެވެ.
ގާސިމްގެ މިފަދަ ޓްވިޓެއް އައިސްފައިވާއިރު ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ އަތެއް ނުވާކަން ސާބިތުކޮށްދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީން ނިންމި ހިސާބުން އެއްބަސްވުމާ ހިލާފުވެފައިވާކަމަށާއި، އެހިސާބުން އެނިމުނީ ނޫންތޯ ސުވާލު އުފައްދަވާ ގާސިމް މިރޭ ވަނީ ކުރިން ޓްވިޓެއް ކުރައްވާފައެވެ.
މިފަދަ ޢަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާ މަސްލަޙަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސް ކުރާކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނެއް ނެރުމުން އެ ބަޔާނަށް ރައްދު ދިނުމުގެ ގޮތުން ގާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕް ރޫޅާލާނެކަމަށް އެމްޑީޕީން ބުނުމުން ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ.
"ސުވާލަކީ މިހާރު އެބަ އޮތްހޭ، އިތުރަށް ރޫޅާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމަ އެއްބަސްވުމާ ވައުދާ އަހުދާ ހިލާފުވީ، އެ ނިމުނީ ނޫންތޯ" ގާސިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީނާއި އެކު ކޯލިޝަން ހަދަން ޖެހިދާނެކަމުގެ އިންޒާރު ނުސީދާކޮށް ގާސިމް ދެއްވިއިރު ރައީސް ޔާމީންވެސްވަނީ ގާސިމާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ގާސިމާއި ގާސިމްގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ރައީސް ޔާމީންގެ އަރިސް ބޭބޭފުޅުންވަނީ ވާހަކަ ދައްކަވާފައެވެ.