މިއަދަކީ، ދިވެހި ނޫސްވެރިކަމުގައި ކަޅު ދުވަހެކެވެ. މިއަދަކީ މީގެ ފަސް އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ 33 ވަނަ އުފަންދުވަހެވެ.
ރިލްވާނަށް ވީގޮތެއް ނު ހޯދި ފަސް އަހަރުވެފައިވާއިރު އޭނާއަށް އިންސާފު ހޯދުމަށް އޭނާގެ އާއިލާއިން އަންނަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. ރިލްވާންގެ އާއިލާއިން ރިލްވާން ހޯދާ ދިނުމަށް ސަލާން ނުޖަހާ ސަރުކާރުގެ މުވައްސަސާއެއް ނެތެވެ. ރިލްވާންގެ ހައްޤުގައި ކުރެވެން ހުރި މިފަދަ ހުރިހާ މަސައްކަތެއް އެ އާއިލާއިން ދަނީ ކުރަމުންނެވެ.
ރިލްވާނަށް މިއަދު 33 އަހަރު ފުރިފައިވާއިރު މިއަދަކީ އެ އާއިލާގެ ހިތާމަތައް އަލުން ބަލުން އާވެގެން ދިޔަ ދުވަހެކެވެ. ރިލްވާން ނެތުމުން އެ އާއިލާއަށް ވެރިވެފައިވާ އެކަނިވެރިކަމާއި ފަޅުކަން އާއިލާގެ މެންބަރުންގެ މޫނުމަތިން ކިތަންމެ ރީއްޗަކަށް ވެސް ފެންނާން އެބަހުށްޓެވެ.
ރިލްވާނަށް އިންސާފު ހޯދުމަށް މަގުތަކަށް ނުކުމެ އަޑު އުފުލާ އެންމެ ގަދައަށް މަސައްކަތް ކުރި އެއް ފަރާތަކީ އޭނާގެ އެއްބަނޑުއެއްބަފާ ދައްތަ ފާތިމަތު ޝެހެނާޒެވެ. ލޯބިވާ ކޮއްކޮގެ 33 ވަނަ އުފަން ދުވަހު އެ ކޮއްކޮގެ ބޮލުގައި ފިރުމާލުމަށް ފަހު އުފަން ދުވަހުގެ ތަހުނިޔާ އަރިސް ކޮށްލުމުގެ ފުރުސަތެއް ކިތަންމެ ބޭނުންވިޔަސް މިއަދު ޝެހެނާޒަކަށް ނެތެވެ. ޝެހެނާޒްގެ ހިތުގައި އަޅަމުންދާ ވޭނާއި ކޮއްކޮއަށްޓަކައި އޮތް ލޯބި އޭނާ ބަޔާންކޮށްދިނީ އަސަރުގަދަ ޅެމަކުންނެެވެ.
"ލޯބިވާ ރިޟްވާން ކޮއްކޮގެ ހަނދުމަތައް ނުފިލާނެޔޭ، ލޯބިތިޔަ ހިނިތުންވުމާ ވަކިވީ ގޮތުން ދަތިވޭ ހިތަށް"
"ދަރިއަކަށް ނުވިޔަސް ކުލުނު ހަމަ ދަރިއަކާ އެއްފަދަ މެއޭ، ދަރިމަގޭ ދެލޮލަށް ނުފެނި ފޮރުވާލުމުން ތަދުވޭ ހިތަށް"
ރިލްވާން ނެތުމުން އާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައާއި ހުދު އޭނާއަށް ކުރިމަތިވެފައިވާ ހިތާމަ ޅެން ބައިތަކުން ހާމަކޮށްދީފައިވާއިރު ޝެހެނާޒްވަނީ އާއިލާއިން އުންމީދު ކޮށްގެން ތިބީ އެއާއިލާއަށް އިންސާފު ލިބޭނެ ދުވަހަކަށް ކަމަށް ބުނެފައެވެ.
ރިލްވާންގެ މައްސަލައިގައި އަދިވެސް އެދެވޭ އަލިކަމެއް ފެނިފައި ނުވާއިރު ރިލްވާންގެ ގެއްލުވާލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށް، ހެކި ނެތްކަމަށް ބުނެ ކޯޓުން ވަނީ ދޫކޮށްލާފައެވެ.
ރިލްވާންފަދައިން ގެއްލުވާލައިވާ ފަރާތްތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަޤީގަތް ހޯދާ އާންމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހުގެ ވަނީ ކޮމިޝަނެއް އުފައްދަވާ އެ މައްސަލަތަކުގެ ތަހުގީގު އަލުން ފަށާފައެެވެ. ރިލްވާންގެ އާއިލާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ އެކޮމިޝަންގެ ތަހުގީގުތައް ނިމޭއިރު ރިލްވާންއަށް ވީގޮތް އެނގި ރިލްވާނަށް އިންސާފު ލިބުމެވެ.