މިއަދު ހަވީރު މާލޭ ޕާކިންގް ޒޯނެއްގައި ޕާކް ކޮށްފައި ހުއްޓަ ވަގަށް ނެގި ސައިކަލު ހޯދައި، އެ ވަގަށް ނެގި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 16:50 ހާއިރު، ފުލުހުން މާލެ ތެރެ ޕެޓްރޯލު ކުރަމުން ދަނިކޮށް، އައިޖީއެމްއެޗް ކައިރިން ސައިކަލެއްގައި ދިޔަ މީހެއްގެ އަމަލުތައް ހުރި ގޮތުން ހުއްޓުވާ ބެލިއިރު، އެމީހާ ދުއްވަން އިނީ މިއަދު ހަވީރުގެ ވަގުތެއްގައި ވަގަށް ނަގައިގެން ގެންގޮސްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ސައިކަލެއް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ ދުއްވަން އިން (ބްލެކް ވޭވް125) އަކީ ހަމަ މިއަދު ހަވީރު ބުލޫކިޔާމަގު ގައި ޕާކް ކޮށްފައި ހުއްޓައި ވަގަށް ގެންގޮސްގެން ރިޕޯޓް ކޮށްފައިވާ ސައިކަލެއް ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ މިހާރު އެ ސައިކަލް އޭގެ ވެރިފަރާތާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
އެސައިކަލު ވަގަށް ނެގި އުމުރުން 29 އަހަރުގެ ދިވެހި ޒުވާނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިދުވަސްވަރަކީ ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރު ވެފައިވާ ދުވަސްވަރެކެވެ.