ދިވެހި ރާއްޖޭގެ ރައީސްކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިނުލެވޭނެ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހަށް ތާއިދު ނުކުރައްވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަ ކުރައްވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމަކީ އެމަނިކުފާނު ގަބޫލުުފުޅު ކުރައްވާ ކަމެއް ނޫން ކަމަށާއި ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތް ހެދުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
އެގޮތުން މަޖިލިސް މެންބަރެއްގެ ޝަރުތުތައް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާއިރު އެ ޝަރުތުތައް ހަނިކޮށް، ބައެއް ފަރާތްތަކަށް ފުރުސަތު ގެއްލޭ ގޮތަށް އަމަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމްޑީޕީއިން ވަނީ އެ އިސްލާހާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ އިސްލާހަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށްފައިވާ އިސްލާޙެއް ކަމަށާއި، އެ އިސްލާޙު ފާސްވިޔަ ނުދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހަކީ އެއްވެސް ވަރަކަށް ޕާޓީއާ މަޝްވަރާނުކޮށް ހުށަހެޅި އިސްލާހެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެ އިސްލާހު ނެގުމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު، ލަތީފަށް އަންގާފައިވީ ނަމަވެސް މިހާތަނަށް އެ އިސްލާހު އަނބުރާ ނަގާފައެއް ނުވެއެވެ.