އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ އަމާނާތަކީ ވެރިކަމުގެ އަމާނާތްކަމަށާއި އެ އަމާނާތާއި މެދު ރައްކާތެރި ނުވެވިއްޖެނަމަ އެމީހަކަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އަމާނާތްތަކުގެ ތެރެެއިން އެންމެ ބޮޑުވެގެންވާ އަމާނާތަކީ ވެރިކަމުގެ އަމާނާތެވެ. އާދައިގެ އިދާރީ އޮފިސްތަކުގެ ވެރިކަމުން ފެށިގެން ގައުމުގެ އެންމެ މަތީ ވެރިކަމާއި ހަމައަށެވެ. ވެރިކަމަކީ އޭގެ މަޝްއޫލިއްޔަތު އަދާކޮށްދޭން ޖެހޭ ގޮތައް އަދާނުކޮށްފިނަމަ، އޭގެ ސަބަބުން ވެރިމީހާއަށް ޤިޔާމަތް ދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތިކަމަކަށް ވެގެންދާނެ ކަމެކެވެ." ހުތުބާގައިވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން މުސްލިމުންގެ ބައިތުލްމާލުން ހައްޤު ނޫން ގޮތުގައި ބޭނުން ކުރާ ބަޔަކުވެއެވެ. ފަހެ އެބައިމީހުންނަށް ޤިޔާމަތް ދުވަހުން ނަރަކައިގެ އަޒާބު ހުއްޓެވެ."

އަދިވެސް ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމަކާއި ހަވާލުކުރެއްވުމުން ، ތިމަންކަލޭގެފާނަށް ތިނޯހެއްގެ މިންވަރުވިޔަސް ފޮރުވިނަމަ ( އެފޮރުވި އެއްޗެއް) ވެގެންދާނީ ޤިޔާމަތްދުވަހުން އޭނާ ގެންނަ ހިޔާނާތުގެ އަމަލަކަށެވެ"

މުސްލިމުންގެ މައްޗަށް އިސްވާ ކޮންމެ ވެރިއެއްގެ މަށްޗައް ވަނީ އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ނަސޭހަތްތެރިވުމާއި އެބައިމީހުންނަށް އިހްލާސްތެރިވުން ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ރައްޔިތުންގެ މައްޗަށް ﷲ ތަޢާލާ އިސްކުރާ އެއްވެސް އަޅެއް، އޭނާ މަރުވާ ދުވަހު މަރުވަނީ އެ ރައްޔިތުންނަށް މަކަރާއި ހީލަތް ހެދި މީހެއްގެ ގޮތުގައި ނަމަ، ﷲ އޭނާގެ މައްޗަށް ސުވަރުގެ ހަރާމްކުރައްވާނެތެވެ" އެހެން ރިވާއަތެއްގައިވެއެވެ. "އޭނާ އެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައްޔިތުންނަށް ހެޔޮ ނަސޭހަތްދޭ މީހަކު ކަމުގައި ނުވެއްޖެނަމަ، ސުވަރުގޭގެ ވަސްވެސް ނުލިބޭ ހުށްޓެވެ"

މާތްވެގެންވާ އިސްލާމްދީނުގެ އެންމެ މަތިވެރި ވެގެންވާ އުސޫލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް އުސޫލަކީ އަމާނާތްތައް އޭގެ ހައްގުވެރިންނަށް އަދާކުރުން ވާޖިބުވެގެންވުމާއި، ހިޔާނާތްތެރިވުން ހަރާމްވެގެން ވުން ކަމަށް ހުތުބާގައި ބުނެފައިވާއިރު އެންމެ ނުބައިވެގެންވާ ވެރިއަކީ އަނިޔާވެރި ވެރިޔާކަމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.

އުމަވީ ދައުލަތުގެ ވެރިއެއްކަމަށްވާ އުބައިދުﷲ ބުނު ޒިޔާދުގެ އަރިހަށް އާމިރު ބުނު އަމްރު ރަޞިޔަﷲ އަންޙް ވަޑައިގެން ވިދާޅުވިއެވެ." އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ."ވެރިންގެ ތެރެއިން އެންމެ ނުބައިވެގެންވާ ވެރިންނަކީ ރަހުމުކުޑަ ހަރުކަށިވެރިންނެވެ" ފަހެ، ކަލޭގެފާނަކީ އެކަހަލަ ވެރިއެއްކަމުގައި ނުވާށެވެ!"

ކޮންމެ އިންސާނަކީ ބެލެހެއްޓުން ތެރިއެއްކަމަށްވާއިރު ހުތުބާ ނިންމާލަމުން ވަނީ އެމީހަކާއި ހަވާލުވެފައިވާ އަމާނާތާއި މެދުގައި ރައްކާތެރިވުމަށް ވަސިއްޔަތް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *