ފަހަކަށް އައިސް ކޮންމެ ދުވަހެއްގެ އިރު ފެނުން ތޮޅިލުމާއެކު ދިވެހި ނޫސްތައް ހޭލައްވާލަނީ ކޮންމެވެސް އެކްސިޑެންޓެއްގެ ޚަބަރަކުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޚާއްސަކޮށް ދާދި ފަހަކުން ހަދައި ބޭނުން ކުރަން ފެށި ސިނަމާލޭ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގެ ޚަބަރަކުންނެވެ. އެއް ދުވަހު ކަޅު ކުލައިގެ ނަލަ ކާރެއް ހިންދީ ފިލްމެއްގެ މަންޒަރުހެން ނުފުށުން އޮތް އިރު އޭގެ ފަހުން ޕިކަޕަކުން ޖެހި ޑިވައިޑަރތައް ކުދިކުދި ވެފައިވި މަންޒަރުވަނީ ފެނިފައެވެ. އެކްސިޑެންޓެއް ނުހިނގާ ދުވަހެއް މަދެވެ. އެތައް ލުއި ފަސޭހަތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި ކުރީގެ ސަރުކާރުން ހެދި މި ބުރިޖުން މިހާރު މި ފެންނަ މަންޒަރުތަކުން އުފެދެނީ އެހެން ސުވާލެކެވެ. މިކަންކަމާ ރަންނަމާރިއާ އެއްވެސް ގުޅުމެއްވޭބާއެވެ؟
އެންމެ ފުރަތަމަ ރަންނަމާރީގެ ވާހަކައަށް ބަލައިލަމާ ހެއްޔެވެ؟ މީގެ 866 އަހަރު ކުރިން ރާއްޖެ އިސްލާމްވުން ގުޅިފައިވަނީ ރަންނަމާރީގެ ވާހަކަ އަކާއެވެ. މިވާހަކަ ވަރަށް ތަފްޞީލްކޮށް ރާއްޖެ ވަޑައިގަތް މުސާފިރެއްކަމުގައިވާ ޢިބުނު ބަޠޫތާވަނީ ބަޔާން ކޮށްދެއްވާފައެވެ. އެބޭފުޅާ ރާއްޖެ ވަޑައިގަތީ ޢުމަރުވީރާ ދަރިކޮޅުގެ ރެހެންދި ޚަދީޖާގެ ފުރަތަމަ ރަނިކަމުގައި ކަމަށް ތާރީޚުގެ ފަތްފުށްތަކުން މަޢުލޫމާތު ލިބެއެވެ.
ބުދު ދީނުގެ އަހުލުވެރީންގެ ގޮތުގައި އޭރު ތިބި ދިވެހިންނަށް ކޮންމެ މަހަކު އެބުނާ ރަންނަމާރީގެ އުނދަގުލާ ކުރިމަތިލާން ޖެހުނޯލައެވެ. ބައްތި ތަކެއް ދިއްލާފައިވާ ނަވެއްހެން ދިއްލާ އަޅާފައި ކޮންމެ ރެޔަކު އެ އަރާ ރަންނަމާރިއަށް ވެދުމަށް ރަށުން ހޮވައިލެވޭ އަންހެން ކުއްޖެއް ވެދުމަށް އަރުވަން ޖެހެއެވެ. އެ އަންހެން ކުއްޖެއް ހޮވަނީ ގުރުއަތުލައިގެންނެވެ. އަދި ނަލަ ހައްދައި ޒީނަތްތެރިކޮށްގެން ގެންގޮސް ގިނި ކަންޏާ އެ ކުއްޖާ ރަންނަމާރިއަށް ދޫކޮށްލައެވެ. އަދި އަނެއްދުވަހު ހެނދުނު ރައްޔިތުން ގޮސް ބަލާއިރު އޮންނަނީ އިތްފަތްތެރިކަން ފޭރިގަނެފައިވާ ފުރާނަ ނެތް މަސްގަނޑެކެވެ. މިގޮތަށް މިކަން ހިނގަނިކޮށް ރާއްޖެ ވަޑައިގަތީ އެފްރިކާގެ ގައުމެއްކަމަށްވާ މޮރޮކޯގެ ޔޫސުފުލް ބަރަކާތުލް ބަރަބަރީއެވެ. އަދި ކަންދިމާ ކުރިގޮތުން އެމަހު ރަންނަމާރިއަށް ވެދުން ކުރުމަށް ހަމަޖެހުނީ އެބޭފުޅާ ހުންނެވި ގޭގެ އަންހެން ކުއްޖާއެވެ. އަދި އެއަންހެން ކުއްޖާގެ މަންމަ ރޮއެ ހޭރި ހަދަން ފެށުމުން އެބޭފުޅާ ނިންމީ އެ އަންހެން ކުއްޖާގެ ބަދަލުގައި އެރޭ އެތަނުގައި އެބޭފުޅާ އިންނެވުމަށެވެ. އެގޮތުން އެރޭ އިންނެވީ އެބޭފުޅާއެވެ. އަދި އަނެއްދުވަހު ރައްޔިތުންނާއި ރަސްގެފާނު އެތަނަށް ގޮސް ބެލިއިރު އެއްވެސް ކަމެއް އެބޭފުޅާއަށް ނުވެ އިނުމުން އެކަމާ ހައިރާންވެ، ޖެހިގެން އަންނަ މަހު ވެސް އެގޮތަށް އެކަން ވެއްޖެ ނަމަ އިސްލާމްދީން ގަބޫލު ކުރާނެ ކަމަށް ރަސްގެފާނު ބުނި ކަމަށްވެއެވެ. ޖެހިގެން އައި މަހުވެސް ހަމަ އެގޮތަށް ތަކުރާރު ވުމުން ރާއްޖެ އިސްލާމް ދީން ގަބޫލު ކުރީ ކަމުގައި ލިޔެވިފައިވެއެވެ. އަދި އެބުނާ ރަންނަމާރީ ކުޑަ ފުޅިއަކަށް ލައި ކަނޑުފެއްތީ މިބުނާ ސިނަމާލޭ ބުރިޖު ހަދާފައިވާ ދިމާއަށްކަމަށް ތާރީޚީ ލިޔުންތަކުން ފެންނަން އެބަ ހުއްޓެވެ.
ސުވާލު އުފެދެނީ މި ހިސާބުންނެވެ. ސިނަމާލޭ ބުރިޖް އެޅުމަށް އެދިމާ ތޮރުފައި ކަންކަން ކުރުމުގެ ތެރޭގައި އެބުނާ ފުޅިއެއް ތަޅައިގެންގޮސް ރަންނަމާރި މިންޖުވެ އެ ރަންނަމާރީގެ އުނދަގޫ އަނެއްކާވެސް ފޯރަން ފެށީބާއެވެ؟ ދުއްވަ ދުއްވާ ހުއްޓާ ރަންނަމާރި ކުއްލިއަކަށް އަރިއަކުން ސިއްސުވާލައި މިސްރާބު ބަދަލު ކޮށްލަނީ ބާއެވެ؟
ދަންނަވަންތޯއެވެ. މި ހިނގާ އެކްސިޑެންޓްތަކާ މިބުނާ ކަހަލަ ރޫހާނީ ނުވަތަ ރަންނަމާރި ކަހަލަ އެއްޗަކާ ގުޅުމެއް ނެތެވެ. ހުރިހާވެސް ކަމަކީ އަހަރުމެންގެ އިހުމާލެވެ. އަހަރުމެންގެ ފަރުވާ ކުޑަ ކަމެވެ. ބާރު ސްޕީޑުގައި ދުއްވުމާއި، ރައްކާތެރި ފިޔަވަޅު ނޭޅުމެވެ. ހައިވޭ އެއްގައި އޯވަރޓޭކް ކުރަން އުޅުމެވެ. މިކަމުގައި ސައިކަލެއް ކާރެއް، ކީއްކުރަންތޯއެވެ؟ ވަކި ލޭނެއް ބަހަށް ހެދިފައިވާއިރު ބަސްތައްވެސް ދުއްވަނީ އެގޮތް މިގޮތަށެވެ. އޯވަރޓޭކްވެސް ކުރަނީއެވެ. ދެން ހިނގާނީ އެކްސިޑެންޓް ނޫންތޯއެވެ. ކިތަންމެ ރަނގަޅު ގަވާއިދުތަކެއް ހެދިފައި ހުއްޓެއްކަމަކު، ރައްޔިތުން އެކަމަށް ބަލައި ނުލާނަމަ، މިހާރު މިހިނގާ ވަރަށްވުރެ ގިނަ އެކްސިޑެންޓްތަކާއި ހިތާމަވެރި ހާދިސާތައްވެސް ހިނގާނެއެވެ. މިއީއެއް އެއްވެސް ހާލެއްގައި ރަންނަމާރިއަކާ ގުޅުން ހުރި ކަމެއްނޫނެވެ. މިކަންކަން ހައްލު ކުރުމަށް ދެވަނަ ޔޫސުފުލް ބަރަކާތުލް ބަރުބަރީއެއްވެސް ބޭނުމެއްނުވެއެވެ. ބޭނުންވަނީ ހަރުދަނާ ގަވާއިދުތަކެއް ތަންފީޒު ކުރުމެވެ. ރައްޔިތުން އެކަމަށް އަހުލުވެރިވުމެވެ.