ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ބުއްދި ސަލާމަތުން ކަމާއި މެދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ސުވާލު އުފައްދައިފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި ޑިކްޓޭޓާޝިޕްގެ އެއްވެސް އަމަލެއް ނުހިންގަވާނެ ކަމަށެވެ. އަދި ދައްކާ ވާހަކަ ދެކޮޅު ޖެއްސުމަށް ޤާސިމް ވަނީ ރައީސް ނަޝީދުގެ ނަން ހާމަ ނުކުރައްވާ ރައީސް ނަޝީދަށް އަމާޒުކޮށް ވިދާޅުވެފައެވެ.
"ރޭގަވެސް ތަނެއްގައި ބޭއްވި ބައްދަލުވުމެއްގައި އެތައް ބައިވެރި ބަޔަކު ކުރިމަތި ލައިގެން އެބަތިބި ޕްރައިމަރީއަށް، މިވެނި މީހަކަށް ވޯޓް ދޭށޭ ބުނީމާ ޑިމޮކްރަސީ ދިރުވަނީއޭ ކިޔައިގެން ކުރެވޭ ކަންތައް އިނގޭބާ، މިއީ ކޮންކަހަލަ ޑިމޮކްރަސީގެ ވާހަކައެއްތޯ މިދައްކަނީ، މިއީތޯ ޑިކްޓޭޓާޝިޕޭ ކިޔާ އެއްޗަކީ، މިއީތޯ ހޭބުއްދި ސަލާމަތުން ހުރި މީހަކު ދައްކާވާހަކައަކީ، ދައްކާ ވާހަކަ ދެކޮޅު ޖައްސަންވެސް އިނގެން އެބަޖެހޭދޯ،" ގާސިމް ވިދާޅުވި އެވެ.
ޤާސިމް އިބްރާހިމް މިހެން ވިދާޅުވިއިރު ބުދަ ދުވަހުގެ ރޭ ވަނީ އެމްޑީޕީ ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ހަތަރު ކެންޑިޑޭޓުން އެކުގައި ކެމްޕެއިން ޖަލްސާ ބާއްވާފަ އެވެ. އެޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވާފައިވަނީ ނަޝީދެވެ
ޤާސިމް އިބްރާހިމް ވަނީ އެ ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ބައެއް ވާހަކަތަކަށް ރައްދުދެއްވައިފައެވެ. އެގޮތުން ކައިވެނީގެ ބޭރުން ދަރިން ހޯދާ ހޯދުމަށް އޮތް ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރެވޭ ގޮތް ހެދުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއިން މަސައްކަތް ކުރާނީ އިސްލާމީވަންތަކަން ދެމެހެށްޓުމަށް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައިވެސް އިސްލާމީ އަސްލަކާއި ހިލާފް ވާހަކައެއް ދެއްކުމަކީ ކަނޑައެޅިގެން ހުރި ކުށެއް ކަމަށް ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.