މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާ އަށް ސިލްސިލާކޮށް ދެމުންދިޔަ ބޮމުގެ ހަމަލާތަކާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހު، ލަންކާގެ ރައީސް އަދި ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމުހުރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހް ވަނީ ފޯނުން އެގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަށާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ގުޅުއްވައި، ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ޞާލިހް ވަނީ، ދިވެހި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ކިޔުއްވާފައެވެ.
މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާއަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން، މިރޭވެސް ވަނީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެގޮތުން މިވޭތު ވެދިޔަ ފަސް ދުވަހު ވެސް ވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ސަަބަބުން މިހާތަނަށް 70 އަށް ވުރެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު، އެތައްސަތޭކަ މީހުން ވަނީ ޒަހަމު ވެފައެވެ.