މިދިޔަ އަހަރު ރާއްޖެ އަށް 1،484،274 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށާއި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަޔްކޮށްފައިވަނީ ޔޫރަޕުގެ ޤައުމުތަކުން ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ އަދަދަކީ ރިކޯޑް އަދަދެއް ކަމަށެވެ. އަދި އެއީ 2017 ވަނަ އަހަރާއި އަޅާ ބަލާއިރު 6.8 އިންސައްތައިގެ އިތުރުވުމެއް ކަމުގައިވެސް މިނިސްޓަރު އަލީ ވަހީދު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޔޫރަޕުންނެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 48.9 އިންސައްތައަކީ ޔޫރަޕުގެ ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނެވެ
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރީން ރާއްޖެ އައިސްފައި ވަނީ ޗައިނާ އިން ކަމަށާއި އެއީ ރާއްޖެ އައި ފަތުރުވެރިންގެ 19.1 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ ޖަރުމަނުވިލާތުގެ ފަތުރުވެރިންނެވެ.