ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. އެތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ތެރޭގަ އެވެ.
ކަސްޓަމްސްއިން މިއަދު މައުލޫމާތު ދިން ގޮތުގައި އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖެއަށް ކަނޑުމަގުން އައި ކާގޯ އުޅަނދަކުން 2.12 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެގައި ވާ ކަމަށެވެ. އެތަކެތި އަތުލައިގެންފައިވަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދިނެވެ.
ކަސްޓަމްސްއިން ބުނީ އެ އުޅަނދު ބަލާފާސްކުރުމުގައި މުދާތަކުގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްފެނިގެން އިތުރަށް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކެނެބިސް" އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގަށްޓަކައި ފުލުހުންނާ ހަވާލުކޮށްފަ ކަމަށް ވެސް ބުންޏެވެ.