ސައިންސްގެ ރޮނގުން ބަލާއިރު ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ އެތައް ތަނެއް މި ދުނިޔެއިން ފެނިފައިވެއެވެ. އެތަނެއް ފެނުމުން އެއީ ހަމަ މި ދުނިޔޭގެ ތަނެއް ބާއޭ ހިތައް އަރާ، މިކަހަލަ އެތައް ތަނެއް އަދި ނުފެނިވެސް ހުންނާނެ ކަމަށް ގަބޫލު ކުރެވެއެވެ.
- ޝެނޭ ޓިމްޕިޝްކާ - ކެކި ކެކި ހުންނަ ކޯރު
އެގޮތުން ޕެރޫގެ އެމެޒޯން ކޯރުގެ ބައެއްގައި އޮންނަ ޝެނޭ ޓިމްޕިޝްކާ ކޯރަކީ އަބަދު ކެކި ކެކި އޮންނަ ކޯރެކެވެ. މީގެ ސަބަބުން އެއްވެސް ޖަނަވާރެއްވެސް އެ ކޯރާ ކައިރި ވާން ފަސްޖެހެއެވެ. އެ ކޯރައް އެރިއްޖެނަމަ ހަމަ ވިރިގެން ގޮސް ކަށިކޮޅަކަށް ވެދެއެވެ. ހޫނުމިނުގައި 91 ސެލްސިއަސް ހުންނަ ކަމަށް ބެލެވޭ އެ ކޯރު އަބަދު ކެކި ކެކި ހުންނަންވީ ސަބަބެއް ސައިންސުވެރިންނަށްވެސް ވަނީ ނުހޯދިފައެވެ. އާންމު ގޮތެއްގައި މި ވަރަށް ހޫނުގަދަ ވާ ފެންގަނޑު ތަކަކީ އެއަށް ވޮލްކެނޯއަކުން ދިޔާ އަލިފާން ފޭބުމުން ހޫނުގަދަވާ ފެންގަނޑުތަކެވެ. ނަމަވެސް މި ކޯރާއި އެންމެ ކައިރީގައި ވާ ވޮލްކެނޯ ވެސް ހުރީ މި ކޯރާއި 700 ކިލޯމީޓަރު ދުރުގައެވެ.
- މޮވައިލް ކޭވް- ސަލްފަރ އިން އުފެދިފައިވާ ޖައްވެއް އޮންނަ ހޮހޮޅައެއް
ރޮމޭނިއާގެ އިރު ދެކުނުގައި މީގެ 5.5 މިލިއަން އަހަރު ވަންދެން އެއްވެސް ވަރަކަށް އިރުގެ އަލިކަމެއް ނުލިބި އޮތް ހޮހޮޅައެއްގައި ވަނީ މި ދުނިޔޭގެ އެހެން ތަންތަނާއި މުޅިން ތަފާތު ޖައްވެކެވެ. މުޅިން ތަފާތު މާހައުލެކެވެ.
މި ހޮހޮޅަ ފެނިފައިވަނީ ޕަވާޕްލާންޓެއް ބަހައްޓާނެ ތަނެއް ހޯދަން އުޅުނު ބަޔަކަށެވެ. އެތަނުގެ މަތީގައިވާ ބިމަކީ ޕަވާޕްލާންޓެއް ބަހައްޓަން ރަނގަޅު ތަނެއްތޯ ބަލަން އުޅުމުގެ ތެރޭގައި ބިންގަނޑު ކަނޑައިގެން ދިޔަ ދިމާލުން ފެނުނީ މުޅިން އާދަޔާ ހިލާފު މަންޒަރެކެވެ. ކަނޑައިގެން ދިޔަ ތަނުގެ އެތެރޭގައި ވަނީ ބިސް ކުނިވަސް ދުވާ، "ސަލްފިއުރިކް ވޯޓަރ" ގެ ކޯރެކެވެ. އެތަނުގެ ތެރޭގައިވާ ވައި ވަނީ ހައިޑްރޯޖެން ސަލްފައިޑުން ތަގައްޔަރު ވެފައިވާާ ވައެވެ.
އެންމެ ހައިރާން ވާންޖެހޭ ކަމަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެނިފައި ނުވާ 33 ވައްތަރެއްގެ ދިރުމެއް އެ ހޮހޮޅައިން ފެނިފަައިވާކަމަށް ރިސާޗް ތަކުން ދެއްކުމެވެ. އެ އެއްޗެހި ކައިއުޅެނީ ހޮހިޅައިގެ މަތީގައި އުފެދިފައިވާ ފޯމް ގަނޑެކެވެ.
- ޕެޓްރިފައިންގް ވެލް- އެއްޗެހި ގަލަށް ބަދަލު ކޮށްލާ ވަޅެއް
ނު ޔޯކްޝަޔަރގެ ނަރެސްބޮރޯގައި ހުންނަ ވަޅެއްގެ ތެރޭގައި ހުންނަ ފެނުގައި ކޮންމެ އެއްޗެއް ޖެހުނަސް ގަލަށް ބަދަލުވެދެއެވެ. މިކަމަށް 3-5 މަސް ނަގާއިރު ބައެއް މީހުން ވަނީ އެމީހުންގެ "ޓެޑީ ބެއާ" އަދި ބައިސްކަލް ފަދަ ތަކެތި އެތަނުގައި ބަހައްޓާފައެވެ. ފަހުން އެތަކެތި ބަލާ އަންނައިރު އެތަކެތި ހުންނަނީ ގަލުން ހަދާފައިވާ ސްޓެޗޫ ތަކަކަށް ބަދަލުވެފައެވެ.
ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އެތަނަކީ ސިހުރު ހަދާފައިވާ ތަނެކެވެ. ނަމަވެސް ސައިންސްވެރިން ބުނާގޮތުގައި އެ ކަމަކީ އެތަނުގެ ފެންގަނޑުގައި މާ ބޮޑަށް މިނެރަލް ގިނަވުމުން ވާކަމެކެވެ. ނަތީޖާއެެއްގެ ގޮތުން އެތަނުގައި ބާއްވާ ކޮންމެ އެއްޗެއްގައި މިނެރަލް ކޯޓެއް އުފެދެނީއެވެ.
- ޑަބަލް ޓްރީ އޮފް ކަސޯޒޯ- އެކަތިގަނޑަކަށް ހުންނަ ދެގަސް
މަލްބެރީ ގަހެއްގެ ތެރެއިން ފަޅާފައި ހުންނަ ޗެރީ ގަހެއް އިޓަލީގެ ޕިއެމޮންޓޭގައި ހުރެއެވެ. މި ދެގަސްވެސް ހުންނަނީ ހަމަ ވަރަށް ރީތިކޮށް ހެދި ބޮޑުވެފައެވެ.
ގަހެއްގެތެރެއިން ކުދި ގަސްތައް ފެޅުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް މި ދެގަހުގެ ގޮފިތައްވެސް ވަނީ ފަސް މީޓަރަށްވުރެ އިތުރަށް ފެތުރިފައެވެ.
- ޕެންސިލްވީނިއާގެ ރިންގިން ރޮކްސް - ދެގާ ޖެހުމުން މިއުޒިކެއް އުފައްދާ ގާތަކެއް
ޕެންސިލްވާނިއާ ހިސާބެއްގައި ހުންނަ މި ގާތައް އެ ތަނަށް އައީ ކިހިނެއް ކަމެއް އަދި ކޮންބައެއް ކަމެއްވެސް ނޭނގެއެވެ. އެ ހިސާބުގައި ފަރުބަދައެއް ކަހަލަ ތަނެއް ވެސް ނުހުރެއެވެ.
ހައިރާން ވާން ޖެހޭ ކަމަކީ އަދި އެއީ އެއް ނޫނެވެ. ހައިރާން ވާން ޖެހޭ ކަމަކީ، މި ގާތަކުން ރީތި މިއުޒިކެއްގެ އަޑު އިވުމެވެ. ދެ ގާ ދެ ގަލަށް ގާނާ ލުމުން ވަރަށް ރީތި މިއުޒިކެއް އުފެދެއެވެ. ނުވަތަ ގަލުގައި އެއްޗަކުން ޖަހައިލުމުން ވެސް ވަރަށް ރީތި އަޑެއް ކިޔައެވެ.
ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އެ ގާތަކަކީ އޭލިއަން ދުނިޔެއަކުން އައިސްފައިވާ ގާތަކެކެވެ. ނޫނީ އެއީ އޭލިއަން ސްޕޭސް ޝިޕެއްގެ ބައިތަކެކެވެ.