މާ ބަނޑު މީހުންގެ ބައިގެންދިޔުމަކީ އޭގެ ސަބަބުން އެތައް ސުވާލުތަކެއް ކުރިމަތިވާ ކަމެކެވެ. އެގޮތުން އެންމެ ބޮޑު އެއް ސުވާލަކީ ބައިގެންދިއުމަކީ އެއީ މާބަނޑު މީހާ އަމިއްލަ އަށް ކުރާ ކަމެއް ތޯ ނުވަތަ އެމީހާ ކުރާ ކަމެއްގެ އިހުމާލުން މެދުވެރިވާ ކަމެއްތޯ ކުރެވޭ ސުވާލެވެ.
ނޫނެކެވެ. ބައިގެންދިޔުމަކީ އެއްވެސް ހާލެއްގައި މާބަނޑު މީހަކު ބޭނުންވެގެން ކުރާ ކަމެއް ނޫނެވެ. އެފަދަ ހިތާމައެއް ބޭނުންވާނެ އަންހެނަކު އުޅެފާނެ ކަމަށް ބުއްދި ވެސް ގަބޫލު ނުކުރެއެވެ.
ގާތްގަނޑަކަށް %20 އާއި %30 އާއި ދޭތެރޭ އަދަދަކަށް މާބަނޑު އަންހެނުން ބައިގެންދާއިރު، ގިނަ ފަހަރަށް މިކަން ދިމާވާ ސަބަބެއް ވެސް އެނގޭކަށް ނޯވެއެވެ. އެނގޭ ކަމަކީ އާންމު ގޮތެއްގައި މިކަން މެދުވެރިވަނީ ބަލިވެއިނުމުގެ ކުރީކޮޅުގައި ކަމެވެ. ބައިގެންދިޔުމަށް މަގުފަހިވާ އެއް ކަމަކީ " ކްރޮމޯސޮމަލް އެބްނޯމަލިޓީ" އެވެ.
ކަސްރަތު ކުރުމުން ބައިގެންދިޔުމަށް މަގުފަހިވާ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މިއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ކަމެއް ނޫނެވެ. ކަސްރަތު ކުރުމަށް ވުރެ ނުކުރުމުން މާބަނޑު މީހާއަށް ގެއްލުން ވާކަން ބައެއް ރިސާޗު ތަކުންވެސް ދައްކައެވެ. އާންމު މީހަކު މާބޮޑަށް ފަލަވެގެން ދިއުމުން ދިމާވާ ދަތިތައް މާބަނޑު މީހަކަށް ދިމާވެއްޖެނަމަ ވާ އުނދަގޫ ދެގުނަ އިތުރު ވާނެއެވެ. އެގޮތުން ސިއްހީ މާހިރުންވެސް ލަފާދެނީ މާ ބަނޑު މީހުން ކަސްރަތު ކުރުމަށެވެ.
ފަހުގެ ރިސާޗަކުން ދެއްކި ގޮތުގައި %75 އަންހެނުން، އެމީހުންގެ ބަނޑުގައިވާ ދަރި ބައިގެންދިޔަކަމުގެ ސަބަބެއް ކަމުގައި ގަބޫލު ކޮށްފައިވަނީ މާ ބޮޑަށް "ސްޓްރެސް" ވުން ނުވަތަ ކަންކަމާ ކަންބޮޑުވުމެވެ.
ގަދަޔަށް ހުން އައުމަކީވެސް ބައިގެންދިޔުމަށް މަގުފަހިވާ ކަމެކެވެ. ބަނޑުބޮޑު އިރު، ކިތަންމެ ސިއްހަތު ރަނގަޅަށް ހުއްޓަސް 102 ޑިގްރީ އަށް ވުރެ މަތިން ހުން އައިސްފިނަމަ ދަރިފުޅު ބައިގެންދިޔުން ގާތެވެ.
މާބަނޑު މީހާގެ ހިތް ބިރުގަންނަ ފަދަ ކަމެއް ދިމާވެއްޖެނަމަ ވެސް ދަރިފުޅު ބައިގެންގޮސްފާނެއެވެ.