ރަށްރަށުގައި ތިބެގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ހުޅުވައިލަން އިމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އާންމުންގެ ތެރެއިން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ޕާސްޕޯޓު ހައްދަން ޖެހުމުން ދިމާވާ ދަތިތަކުގެ ޝަކުވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަހަން ޖެހޭ ކަމަށްވެސް ހަނަފީ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން އެބަ ޖެހޭ އިމިގްރޭޝަންގެ އެކްސްޕެކްޓޭޝަން، ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ ދިމާވާން،" އޭނާ ވިދާޅުވިއެވެ.
ޕާސްޕޯޓަށް އީމެއިލް މެދުވެރިކޮށް އެދުމުން އިމިގްރޭޝަނުން ގާއިމުކޮށްފައިވާ ހަތަރު ސެންޓަރުން ޕާސްޕޯޓް ނެގޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕާސްޕޯޓު ބަލައިގަތުމަށް ސެންޓަރުތައް ގާއިމުކޮށްފައިވަނީ މާލެ އާއި ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައެވެ.
ހަނަފީ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ގެންދަނީ މި އަހަރު ނިމުމުގެ ކުރީން ޕާސްޕޯޓް އެޕްލިކޭޝަން އޮންލައިންކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ގާއިމުކޮށްދިނުމަށް ކަމަށާއި އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ ހިދުމަތް އަތޮޅު ކައުންސިލްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިއަހަރު ނިމުމުގެ ކުރީން އޮންލައިންކޮށް ޕާސްޕޯޓުގެ ހިދުމަތްތަކަށް އެދެވޭ ގޮތަށް އޮންލައިން ޕޯޓަލް އެއް ތައާރަފްކުރެވޭނެ. ކުރިއަށްއޮތް ދެ އަހަރު ތެރޭ އަތޮޅު ކައުންސިލް ތަކަށް ޕާސްޕޯޓުގެ ހިދްމަތް ފުޅާކުރެވޭނެ" އޭނާ ވިދާޅުވިއެވެ
މީގެ އިތުރުން ހަނަފީ ވިދާޅުވީ ބިޒްނަސް ވިސާ ވެސް 48 ގަޑިއިރު ތެރޭ އެޕްރޫވް ކުރެވޭ އިރު މި ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދެމުންދާނެކަމަށެވެ.