ކޮޅުމަޑުލުގެ ވެރިކަން ކުރާ ރަށް ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ ބޭސް ޖަހަމުން އެބަދެއެވެ.
"ޖަޒީރާ"އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އަދި ތަރުޖަމާނު މުހައްމަދު އަރުޝަދު ވިދާޅުވީ އިއްޔައިން ފެށިގެން ބަޔަކާއި ހަވާލުކޮށްގެން ހޮސްޕިޓަލުގައި ކަތުރުފަނި ނައްތާލުމަށް ބޭސް ޖަހަމުންދާ ކަމަށެވެ.
"އިއްޔައިން ފެށިގެން ބަޔަކާއި ހަވާލުކޮށްގެން އަޅުގަނޑުމެން މިދަނީ ބޭސް ޖަހަމުން ކަތުރު ފަނި ނައްތާލުމަށް" އަރުޝަދު ވިދާޅުވިއެވެ.
އަދި ކަތުރު ފަނީގެ ސަބަބުން ހޮސްޕިޓަލުގެ ބައެއް ކުޑަދޮރުތަކާއި ސީލިންގްގެ ބައެއް ސަހަރައްދުތަކަށް އެކިި ވަރުގެ ގެއްލުންވެފައިވާ ކަމަށާއި އެކަން ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް އަރުޝަދު ވިދާޅުވިއެވެ.
"ކަތުރުފަނި ކެއުމުގެ ސަބަބުން ބައެއް ކުޑަދޮރުތައްވެސް މިވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބަދަލު ކުރަން ޖެހިފައި. އަދި ސީލިންގްގެ ބައެއް ސަރަހައްދުތަކަށްވެސް ވަނީ ކަތުރުފަނީގެ ސަބަބުން ގެއްލުންވެފަ. އަޅުގަނޑުމެންވާނެ މިކަން ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި. ހެލްތުން ވިދާޅުވީ ވީހާވެސް އަވަހަކަށް ކަތުރުފަނި ނައްތާލުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް" އަރުޝަދު ވިދާޅުވިއެވެ.
ކޮޅުމަޑުލު އަތޮޅު ހޮސްޕިޓަލަށް 2004 ވަނަ އަހަރުން ފެށިގެން ކަތުރުފަނީގެ އުނދަގޫ އެކި ދުވަސްވަރު ކުރިމަތިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަމަށް އެދެވޭ ހައްލެއް މިވަނީ ނުލިބިފައެވެ.