ކައިވެނި ނުކޮށް ދަރިން ހޯދާ މައްސަލައަށް އޮތް ހައްލަކީ އަންހެން މީހާ ނުވިހާ ގޮތް ހެދުން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިއުން އެމަނިކުފާނަށް އަމާޒު ވެއްޖެއެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓޭއްގެ ކެމްޕެއިން އިވެންޓެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ނަޝީދު ވިދާޅުވެފައި ވަނީ ކައިވެނިން ބޭރުން ދަރިން ލިބުމަށް ހައްލު ލިބެން އޮތީ ކައިވެނިން ބޭރުން ނުވިހާ ގޮތް ހެދުމުން ކަމަށެވެ.

"ނުވިހާ ގޮތް މިހެދެނީ މީހަކާ ކައިވެނިކޮށްގެން. ދިމާވެގެން މި އުޅޭ މައްސަލައަކީ ކައިވެނި ނުކޮށް، ދަރިން ހޯދާތީވެ. ދެން ދާ ކޮންމެ ފަހަރަކު އެބަ ބުނޭ، އެހެނެއް ނުހަދައިދެވޭނެއޭ، އަޅުގަނޑު އެބަ ދަން ވަރަށް ގިނަ ކުދީން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަ ބުނޭ އެހެނެއް ހަދައެއް ނުދެވޭނެއޭ. އޭނާ މީހަކާ އިނދެގެނޭ އޭނާ އަށް ނުވިހާ ގޮތް ހެދޭނީ. ދެން މީގަ އޮތީ އަޅުގަނޑު އެއިން ކޮންމެ މީހަކާ އިނުން، އެނޫން ގޮތެއް މިއަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކައިވެނީގެ ބޭރުން ދަރިން ލިބެނީ ފިރިހެން މީހާގެ ވެސް ބޭވަފާތެރިކަމެއް އޮވެގެން ކަމަށާއި، އެކަމަށް އޮތް ހައްލަކީ އަންހެނުން ނުވިހާ ގޮތް ހެދުން ކަމަށެވެ.

"ކައިވެނީގެ ބޭރުން ކުއްޖެއް މިހޯދަނީ. އެކަމަށް ހައްލެއް ގެނެވެން އޮތީ ނުވިހާ ގޮތް އަންހެން މީހާ ވެސް ހަދައިގެން. އަޅުގަނޑަށް އެނގޭ ފިރިހެން މީހާގެ ވެސް ވަރަށް ވަރަށް ބޭވަފާތެރިކަމާއި އަދި ބޭއިންސާފުކަމާ އެކީގައި މިކަން މި ހިގަނީ." ނަޝީދު ވިދާޅުވިއެވެ.

ޒިނޭއަށް ހިއްވަރު ލިބޭ މޭރުމަކުން ނަޝީދު ރޭ ދެއްކެވި ވާހަކަފުޅަށް ވަރަށް ގިނަ ދީނީ އިލްމުވެރިން ގެންދަވަނީ ފާޑުކިއުއްވަމުންނެވެ.

އެގޮތުން ނަޝީދުގެ ނަން ވިދާޅުނުވެ، ނަޝީދަށް ރައްދުވާގޮތައް އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ތިމާ އަށް ﷲ ތައާލާ ނުފެނުނު ނަމަވެސް، ތިމާ ކުރާ ހުރިހާ ކަމެއް އަދި ބުނާ ހުރިހާ ބަހެއް އަދި ހިތުގައި ފޮރުވިފައިވާ ހުރިހާ ކަމެއް ﷲ ތައާލާ ދެކެވޮޑިން އަދި ބައްލަވާ ވޮޑިގެން އަދި މޮޅަށް ދެނެވޮޑިގެންވާކަން ހަނދާން ކުރާށެވެ".

މީގެ އިތުރުން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ނަޝީދު ދެއްކެވި ވާހަކަފުޅާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *