ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރޭ މަރުވި އަންހެން މީހާގެ އޮޓޮޕްސީ ހެދުމުގެ ހުއްދައަށް ފުލުހުން އޭނާގެ އާއިލާގައި އެދިފައި ވަނިކޮށް އޮޓޮޕްސީ ނުހަދައި މިއަދު ވަޅުލައިފި އެވެ.
ދޫނިދޫ ޖަލުގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު، ނ. މަނަދޫ، ނަޝާޔާ ރަޝީދު، 23، މިއަަދު ވަޅުލީ އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ނަޝާޔާ މަރުވެފައި އޮއްވައި ފެނުނު އިރު އަނގައިންނާއި ނޭފަތުން ފެހި ކުލައިގެ ދިޔަތަކެއް ފައިބާފައި ހުރި ކަމަށްވެ އެވެ. އަދި އޭނާ ފެނުނު އިރުވެސް އެ ދިޔަތައް ފައިބަމުން ދިޔަ ކަމަށްވެ އެވެ. އޭގެ އިތުރުން، އެނާ މަރުވުމަށް ފަހު ލޯ ލެއްޕުމަށް މަސައްކަތް ކުރުމުން ވެސް ލޯ އޮތީ ހުޅުވިފައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފޭރުމުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު، ނަޝާޔާގެ ހަތަރު އަހަރުގެ ފިރިހެން ދަރިއަކު ހުންނަ ކަމަށް މަނަދޫ ކައުންސިލުން ބުންނެއެވެ.
ނަޝާޔާ މަރުވި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުން އޭނާއާ ހަވާލުވެގެން ހުރި މުއްދަތުގައި އޭނާގެ ހުރިހާ ހައްގުތައް އަދާކޮށްފައިވާނެ ކަމަށެވެ. އަދި އޭނާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.