ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަދީފައިވާ 12 ހައުސިން ޕްރޮޖެކްޓް ފިޔަވާ އިތުރު ތަންތަނުން ހައުސިން ޔުނިޓް ވިއްކުމަކީ މަނާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެޗްޑީސީން ތަރައްގީ ކުރާ ތަންތަން ކަމުގައިވާ އެއްމެދު އިމާރާތް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން "ޑިވެލޮޕްމެންޓް އެންޑް ސޭލް ރައިޓްސް" ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުސޫލުގެ މަތިން ވަކި މިންވަރަކަށް އިމާރާތް ތަރައްގީކޮށް ނިމުމުން ކަމަށެވެ.
އެޗްޑީސީއިން މިހެން ބުނެފައިވާއިރު މިހާރު އޮންނަ އުސޫލުގެ ތެރެއިން ފްލެޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ނިމުމުންނެވެ.
އަދި އިމާރާތްތަކުން ހައުސިން ޔުނިޓް ގަތުމުގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެޗްޑީސީގެ ސޭލްސް އެޕްރޫވަލް ދީފައިވާ ލިޔުމާއި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓަށް އެކޯޕަރޭޝަންގެ ހުއްދަދީފައިވޭތޯ ޔަގީން ކުރުމަށް އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި އެދިފައިވެއެވެ.
އެޗްޑީސީއިން ހައުސިންގް ޔުނިޓް ވިއްކުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ، އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޑެޓް އާއި ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް އާއި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް އާއި އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޑެޓް އާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޑެޓް އާއި ރެއިންބޯ ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި ރެއިންބޯ ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓް އާއި ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޑެޓް އާއި ގްލަޓް ޕްރައިވެޓް ލިމިޑެޓް އަދި ރިނާޓަސް ޕްރައިވެޓް ލިމިޑެޓްގެ އިތުރުން އިނޯކާ ޕްރައިވެޓް ލިމިޑެޓްއެވެ.
އެޗްޑީސީއިން ހައުސިން ޔުނިޓް ވިއްކުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިއުލާނުކޮށްފައިވާއިރު އެ ލިސްޓުގައި ނުހިމެނޭ ދެ ކުންފުނިކަމަށްވާ ލަކީހިޔާ އާއި އަކުއާ ވީޓާ ރެޒިޑެންސީއިން ވަނީ ހައުސިންގ ޔުނިޓް ވިއްކުމަށް އިއުލާން ކޮށްފައެވެ.