ގއ އަތޮޅުގައި ގާއިމްކޮށްފައިވާ މަރަދޫ ދެވަންފުށި ރިސޯޓުގެ ނަން ރަފެލްސް މޯލްޑިވްސް މަރަދޫ ރިސޯޓަށް ބަދަލުކޮށް އަލުން ހުޅުވުމަށް ނިންމައިފިއެވެ.
ބޮޑެތި ބަދަލުތަކަކާއި އެކު އަންނަ މަހު އެކެއްގައި އެ ރިސޯޓު ރަފެލްސް މޯލްޑިވްސް މަރަދޫ ގެ ނަމުގައި ހުޅުވާއިރު އެ ރިސޯޓުން ދޭ ހިދުމަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހާއްސަކޮށް ވޯޓާރ ސްޕޯޓްސްގެ ހިދުމަތާއި ސްޕަރ ތަކުގެ ހިދުމަތަށް ވަނީ ކުރިއަށް ވުރެއް އެތައް ގުނައެއް ރަގަނޅުކޮށްފައެވެ.
މަތީ ފަންތީގެ ރަފެލްސް މޯލްޑިވްސް މަރަދޫ ރިސޯޓުގައި ސްވިމިންގް ޕޫލާއި އެކު 21 އައިލެންޑް ވިލާ އާއި މޫދު ތެރޭގައި 16 ވިލާ ހުންނައިރު، އެ ރިސޯޓުގައި ތިން ރެސްޓޯރަންޓާއި ބާއެއް ހުރެއެވެ.
ބަދަލުތަކާއި އެކު އެ ރިސޯޓު އަންނަ މަހު އެކެއްގައި ހުޅުވާއިރު ރިސޯޓަށް ވަނީ އައު ޖެނެރަލް މެނޭޖަރަކު އައްޔަނުކޮށްފައެވެ. އެގޮތުން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ހަވާލުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ފުންނާބު އުސް ފަރާތެއް ކަމަށްވާ އޮލިވާ ލާޗަރ އާއެވެ. އޭނާއަކީ ޗައިނާގައި ހުންނަ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ސޮފިޓެލް ފޮޝަންގެ ޖެނެރަލް މެނޭޖަރުކަންވެސް ދެ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން ގއ އަތޮޅަށް 45 މިނެޓުން ދެވޭއިރު، އެއަރޕޯޓުން ފުރައިގެން ސްޕީޑު ލޯންޗެއްްގައި ރަފެލްސް މޯލްޑިވްސް މަރަދޫ ރިސޯޓަށް ދެވޭނީ 15 ވަރަކަށް މިނެޓުންނެވެ. ރަފެލް މޯލްޑިވްސް މަރަދޫ ރިސޯޓުގެ އިތުރުން ގއ އަތޮޅުގައި އިތުރު ނުވަ ރިސޯޓް އޮވެއެވެ.