ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި، ހަތް ވަޒީރަކު އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ. އޭގެ އިތުރުން ދެ ނައިބު ރައީސަކުވެސް އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރާއި، އެންމެ ފަހުން ހުންނެވި ނައިބު ރައީސް އަބުދުﷲ ޖިހާދުވެސް އެއްވެސް އަހަރަކު އެބޭފުޅުންގެ މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށާއި، އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުންގެ ތެރެއިން އެއްގޮތަކަށްވެސް މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ މިނިސްޓަރުންގެ ތެރޭގައިވެސް މި ދެ ބޭފުޅުން ހިމެނިވަޑައިގަންނަަވާ ކަމަށެވެ. އެގޮތުން އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި، އަދި ޖިހާދު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރުވެސް މާލީ ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ކެބިނެޓުގައި މާލީ ބަޔާން ހުށަހަޅުއްވާފައިނުވާ ބޭފުޅުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ، ރައީސް ޔާމިންގެ ވެރިކަމުގައި ފުތުރަމަ ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލް އާއި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސައީދު އާއި ދެވަނައަށް ޔޫތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް އާއި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހްމަދު އާއި ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމް އާއި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހީމް އަދި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލް އެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމުނުއިރު، އެމަނިކުފާނު މާލީ ބަޔާން ހުށަހަޅުއްވާފައި ވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރުގަ އެކަންޏެވެ. 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވާފައި ވަނީ ރިޔާސީ ދައުރު ނިމުމުގެ ދެ ދުވަސް ކުރިންނެވެ.

އިތުރަށް އެ ރިޕޯޓްގައި ވާގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ތިން ބޭފުޅަކު ނައިބު ރައީސްކަން ކުރައްވާފައިވާއިރު، ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ އެންމެ އަހަރަކު އެވެ. އެއީ 2014ވަނަ އަހަރުއެވެ. 2015 ވަނަ އަހަރުގެ މެދެއްހައި ހިސާބުގައި އެމަނިކުފާނު ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައީސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އާއި ވަޒީރުންނަކީ، އަހަރަކު އެއްފަހަރު އޮޑިޓާ ޖެނެރަލަށް އެސެޓްސް ޑެކްލަރޭޝަން ހުށަހަޅަން ޖެހޭ ފަރާތްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *