މީގެ ދެ ދުވަހެއްވަރު ކުރިއެވެ. އަހަރެންގެ ފަސް އަހަރަށްދާ ދަރިފުޅު ގޮވައިގެން ސައިކަލު ދުއްވައިލުމަށް ނިކުމެ ފެންފުޅިއެއް ގަންނަން ފިހާރައެއް ކައިރީގައި މަޑު ކޮށްލީމެވެ. އޭރު މުސްކުޅި ފުރައިގެ ދެ ފިރިހެނުން ކައިރީގައި ތިއްބެވެ. އެތަނުން އެކަކު ބޯން ގެންގުޅުން ދަޅު ހުސްކޮށްލުމަށްފަހު އެއްލައިލީ ބިން މައްޗަށެވެ. އަހަރެންނަށް ބަލައިލެވުނީ އަހަރެންގެ ދަރިފުޅަށެވެ. ކުޑަ ކުއްޖެއްކަމުން ބަލަން ބަލާކަށް ނީންދެ އަމުނާލިއެވެ. "ބައްޕާ! އެ ގޯސް ކަމެއް ދޯ.. ނުވާނެ އެންނު މަގު މައްޗަށް ކުނި އުކާކަށް. އެހެރަ ޑަސްބިނަށް ދޯ ލާނީ" ދަރިފުޅު ބުނި އެއްޗަކަށް ޗޮކެއް ކަނޑާލުމަށްފަހު އެދެމީހުން ހިނގައިގަތީއެވެ. ދަރިފުޅުގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނީ އަހަރެންނަށެވެ. ދަރިފުޅު ބުނީ ތެދެކެވެ. ދަޅު ގޮސް ޖެހުނީ ޑަސްބިން ބުޑަށެވެ. އެ ދެމެދު ދިހަ ފޫޓުވެސް ނުހުންނާނެއެވެ. އަހަރެންނަށް ހިތަށް އަސަރު ކުރުވީ ދަރިފުޅު ގޮސް އެ ފުޅި ނަގައި ޑަސްބިނަށް ލުމުންނެވެ. އެވަރު އެ މީހުންނަށް ނޭނގުމުންނެވެ.

މި ދެންނެވީ އެންމެ ހާދިސާއެކެވެ. އެފަދަ ކިތައް ކިތައް ހާދިސާ ހިނގާނެތޯއެވެ. އަހަރުމެން ޝަކުވާ ކުރަނީ ރަށް ގިރާތީއެވެ. މޫދަށް ކުނި އަޅާތީއެވެ. ގޮނޑުދޮށްތައް ހަޑިވާތީއެވެ. މަގުތަކަށް ކުނި އަޅާތީއެވެ. ނަމަވެސް ހަނދާނުން ކައްސާލާފައިވާކަމަކީ ފަރުދީ ޒިންމާއެވެ. ދަޅު ބުއިމަށްފަހު ހިނގާލާފައި ގޮސް ޑަސްބިނަށް ލުމުން އެކަމުގައި ފަރުދީ ޒިންމާ އުފުލުނީއެވެ. އެތަން ހަޑިވުމުން ސަލާމަތްވީއެވެ.

އަހަރުމެން މި ކިޔަނީ ޕްލާސްޓިކަށް ނޫނެކޭ ބުނަމާ ހިނގާށޭއެވެ. ނަމަވެސް، ނުކުރެވޭ ކަމަކީ އަތުންވެސް ހިފައިގެން ގެނެވޭ ބިސްކޯދު ބޮނޑި ޕްލާސްޓިކް ކޮތަޅަކަށް ލައިގެން ނޫނީ ގެޔަށް ނާދެވޭ ކަމެވެ. ގަންނަ އެންމެ ސެންޓް ފުޅިއެއްވެސް ކޮތަޅަށް ނުލައި އަތުން ހިފައިގެން ގެޔަށް ދާން ލަދު ގަންނަ ކަމެވެ. ކުރާންވީ ކަމަކީ އެންމެ ކަމެކެވެ. ނޫނެކޭ ބުނަން ދަސް ކުރަންވީ އެވެ. ލަދު އެއްކައިރި ކޮއްލުމަށްފަހު ޕްލާސްޓިކް ކޮތަޅު "ހެވޭ" ބުނަން އާދަ ކުރަންވީއެވެ. ގިނަ އެއްޗެހި ގަންނަ ނަމަ، ފޮތި ކޮތަޅު ގެންދަންވީއެވެ. މިއީ ވެސް ފަރުދީ ގޮތުން ކުރެވިދާނެ ކަމެކެވެ.

އަނެއް ކަމަކީ ކުޑަ ކަމެކޭ ހީވުމެވެ. ސައިކަލުގައި ދަމުން ނުވަތަ ހިނގާފައިދަމުން ކަނޑާލާ ސުޕާރީ ޕެކެޓް ނުވަތަ ޗުވިންގަމް ކަރުދާސްކޮޅު އެއްލައިލާނީ މަގު މައްޗަށެވެ. އަހަރުމެން ތަރައްޤީގެ ނަމޫނާއަކަށް ބަލަމުން އަންނަ ސިންގަޕޫރުގައި މިކަން ކުރަނީ ކިހިނެއްތޯއެވެ؟ ސުޕާރީ ނުވަތަ އެކަހަލަ އެއްޗެއް ކެއުމަށްފަހު އެ ޕެކެޓް އެއްލައިލުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް ޖީބަށް ނުވަތަ ގެންގުޅޭ ދަބަހަކަށް ލުމަށްފަހު ޑަސްބިނެއް ފެނުމުން ލަނީއެވެ. ޗުއިންގަމް ކިރުގަނޑު އެއްލައިލުމުގެ ބަދަލުގައި އޭގެ ކަރުދާސް ގަނޑަށްލައި ކުރިން ދެންނެވިހެން ޑަސްބިނެއް ފެންނަދެން ބާއްވަނީއެވެ. އެހެންނަމަވެސް ދުނިޔެމަތީގެ ސުވަރުގެ ކަމަށް ދަޢުވާ ކުރާ އަހަރުމެން، އެކަން ކުރާ ގޮތަކީ މިއީ ތޯއެވެ؟ ޖެހުނުތަނަކަށް އެއްލައިލަނީއެވެ. އޭގެ ބަދަލުގައި ފަރުދީ ޒިންމާ ނަގަމާ ހިނގާށެވެ.

އެހެންކަމުން، ތިމާ ދިރިއުޅޭ ވެށި ސާފު ތަނަކަށް ހެދޭނީ ފަރުދީ ގޮތުން ކުރަން ހުރި ކަންކަން ކުރެވިގެނެވެ. ކޮންމެ ފަހަރަކު ސަރުކާރުން ނުވަތަ ސުކޫލަކުން މަސައްކަތު ދުވަހެއް ފާހަގަ ކުރާ އުޞޫލުން އެކަން ކުރުމުގެ ބަދަލުގައި މީހުންގެ ވިސްނުން ބަދަލު ކުރުވައިގެނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *