ދިވެހިރާއްޖޭގެ ވެރިރަށް، މާލެއަކީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް ކަމަށާއި ހުޅުމާލެވެސް ކޮންސްޓްރަކްޝަން ސައިޓަކަށް ބަދަލުވަމުން އަންނަ ކަމުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"އިމާރާތްކުރުމުގެ ގަވާއިދާ ގުޅޭ މަސައްކަތު ބައްދަލުވުން" ފައްޓަވައިދެއްވާ، ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫންކަމަށާއި އިމާރާތްކުރުމުގެ ދާއިރާ ވަރަށް ބޮޑަށް ފުރޮޅާލައިފައިވާ ކަމުގައެވެ. އަދި މާލެއަކީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި މިނިސްޓަރު އަސްލަމް ވަނީ ސިފަކުރައްވާފައެވެ.

"މުޅި މާލެއަކީ ބޮޑު ކޮންސްޓްރަކްޝަން ސައިޓެއް، ހުޅުމާލެވެސް ކޮންސްޓަރަކްޝަން ސައިޓަކަށް ވަމުންދަނީ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރިއާއި އަޅާބަލާއިރު މިހާރު މާލޭގައި އިމާރާތްކުރުމުގެ ގިނަ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ނޫނީ މިހާރު އެކަންކަން ބެލެހެއްޓެން ނެތް ކަމަށެވެ. އަދި ގިނަ ތަންތަނުގެ ސަލާމަތީ ކަންކަން ހުންނަނީ އެންމެ ރަނގަޅަށް ނޫން ކަމުގައި އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އެތަންތަނުގެ ސޭފްޓީ ހުންނަނީކީ އެންމެ ރަނގަޅަކަށް ނޫންކަން. މަސައްކަތްތައް ކުރެވެނީކީ އާއްމުންނަށް އޮންނަ ރައްކާތެރިކަމާއި، ތަނުގައި މަސައްކަތް ކުރާ މީހުންގެ ސޭފްޓީ އާއި ސްޓޭންޑާޑްސް ހުންނަނީކީ އެންމެ ރަނގަޅަކަށް ނޫންކަން." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތުގެ ތަޖުރިބާކާރުންނާއި އެކު ތިން ދުވަހުގެ ތެރޭގައި އެންމެންނަށް ގަބޫލުކުރާ ފެންވަރަކަށް ހުރި ޤާނޫނުތަކާއި ގަވާއިދުތަކެއް ހެދިގެން އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވިއިރު، އިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން 13 ގަވާއިދެއް ހަދަންޖެހެއެވެ.

ތިން ދުވަހަށް މާލޭގައި ބާއްވާ މަސައްކަތު ބައްދަލުވުމުގައި މި ގަވާއިދުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ އިތުރުން މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި ހުރިހާ ގަވާއިދެއް ނިންމައި އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގެޒެޓުގައި ޝާއިއު ކުރުމަށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *