އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތަށް ދިއްދީ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްކުރިއަކަ ނުދޭނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ބަދަލުކުރަން، ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އިސްލާހާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ލަތީފުގެ އިސްލާހު ރައީސް ނަޝީދަށް އަމާޒުކޮށްފައިވާ ކަމަށް ޕާޓީން ދެކޭ ކަމަށާއި، ލަތީފު ހުށަހެޅުއްވި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ.
އެ އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފުއަކީ ވެރިކަންކުރާ ކޯލިޝަނަށް ނިސްބަތްވާ މެމްބަރަކަށް ވުމުން އެކަމާއި ކަންބޮޑުވާކަމަށްވެސް ހަަސަން ފާހަަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅަކު އެ އިސްލާހު ހުށަހެޅުއްވީތީ އެމްޑީޕީން ހިތާމަކުރާ ކަމަށެވެ.
"އެމްޑީޕީގެ މެމްބަރުންނަށް ބުނެލަން އޮތް ވާހަކަޔަކީ ރައީސް ނަޝީދު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ، އިރާދަކުރެއްވިއްޔާ އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެގެން ފާސްކޮށްގެން ރައީސް ނަޝީދަށް ވާދަނުކުރެވޭ ގޮތް ވިޔަކަ ނުދޭނެ،" ހަސަން ވިދާޅުވި އެވެ.
އެ އިސްލާހު ނަގަން އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން މިހާރު ވަނީ އަންގާފަ އެވެ. ޖޭޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އެ އިސްލާހް ލަތީފް ހުށަހެޅުއްވީ ޖޭޕީއާވެސް އަދި ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގައިވެސް މަޝްވަރާ ނުކޮށް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން، ކޯލިޝަން ލީޑަރެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީ އެ ބިލް އަނބުރާ ނެގުމަށް ލަތީފަށް އަންގަވާފައިވާނެ ކަމަށެވެ.