ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށް ނިންމާފައިވާ، އާއިޝަތު އާޒިމާ ޝަކޫރު އޭނާގެ ކެމްޕޭން ހަރަކާތްތައް ހުއްޓާލައިފި އެވެ.

އާޒިމާ ރައްޔިތުންގެ މަޖިލީހުގެ ނ. ހޮޅުދޫ ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވަނީ ޕީޕީއެމްގެ ޓިކެޓުގަ އެވެ.

އާޒިމާގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި މީހަކު "ވަން އޮންލައިން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އާޒިމާ އޭނާގެ ކެމްޕޭން ހަރަކާތްތައް ހުއްޓާލެއްވީ ސިއްހީ ހާލަތު އެކަމަށް ތަން ނުދޭތީ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހަށް ކުރިމަތިނުލައްވާ ގޮތަށް ނިންމެވިކަން ޔަގީން ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

ޓިކެޓު ލިބިވަޑައިގެންނެވި ފަހުން އާޒިމާ ހޮޅުދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޮޅުދޫ، މިލަދޫ އަދި މަގޫދޫއަށް ވަޑައިގެން ކެމްޕޭން މަސައްކަތްތައް ކުރައްވާފައި ވެއެވެ. އޭގެ އިތުރުން މާލޭގައި ކެމްޕޭން ހަރަކާތްތައް ފަށްޓަވައިގެން ވަރަށް ބާރަށް ކުރިޔަށް ގެންދެވި އެވެ.

އާޒިމާ މަޖިލިސް ކެމްޕޭން ހުއްޓާލެއްވީ ސިއްހީ ސަބަބުތަކަކަށް ޓަކައި ކަމަށް އޭނާގެ ކެމްޕޭންގައި އިސްކޮށް އުޅުނު މީހަކު ބުނި އިރު، އާޒިމާ ވަނީ ސްޓްރޯކެއް ޖެހިގެން 2013 ވަނަ އަހަރު އެކަމަށް ފަރުވާވެސް ހޯއްދަވައިފަ އެވެ. އަދި ހިތުގެ މައްސަލައެއްގައި ދާދި ފަހުން ވަނީ ސިންގަޕޫރުން ވެސް ފަރުވާ ހޯއްދަވައިފަ އެވެ.

"ޖަޒީރާ" ގެ ފަރާތުން މިކަމާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް އާޒިމާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލް ލިބޭގޮތް ވަނީ ނުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *