ރާއްޖެއިން މަސައްކަތް ކުރާނީ އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ޞޯލިހު މިހެން ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެނާޖީ މިނިސްޓަރު ސުހައިލް މުހައްމަދު ފަރަޖް އަލް މަޒްރޫއާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލުވުމުގައި ޔޫއޭއީގެ އެނާޖީ މިނިސްޓަރު ވަނީ އިޔާދަކުރަނިވި ހަކަތަ އުފައްދަން އިސްނަގައިގެން ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދޭން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. އަދި އެގައުމުގެ އެހީއާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ރައީސް ޞޯލިހުއަށް ހިއްސާކުރައްވާފައިވާ ކަމުގައިވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން ރާއްޖެއަކީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގަން ފަހިގައުމެއްކަމުގައި ޔޫއޭއީގެ އެނާޖީ މިނިސްޓަރު ވިދާޅުވެފައިވާ ކަމުގައި ރައީސް އޮފީހުން ބުނެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެކު ރައީސް ޔޫއޭއީ އަށް ވަޑައިގަތީ އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ.