ޓެކްނޮލޮޖީއާއި ސައިންސްގެ އެއީގައި ދުނިޔެ މިވަނީ ތަރައްޤީއާއި ތަމައްދުންގެ އެތަކެއް އޮޅިއެއް ގިރާކޮށްފައެވެ. ޓެކްނޮލޮޖީއާއި ސައިންސްގެ އެހީގައި އިންސާނުންގެ ދިރިއުޅުން އެތައް ގުނައެއް ފަސޭހަވެގެން ގޮސްފައިވާއިރު، އަނެއްކާވެސް މިވަނީ އެފަދަ ބޮޑު ލުއި ފަސޭހަ ކަމެއް ލިބެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައެވެ. މިފަހަރު މި ލުއިފަސޭހަކަން ލިބެނީ ވަކި ފަރުދަކަށް ނުވަތަ ވަކި ޤައުމެއްގެ މީހުންނަކަށް ނޫނެވެ. މި ލުއިފަސޭހަކަން ދުނިޔޭގެ 80 އިންސައްތަ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.
"ސްޕަރހައިވޭ" އަކުން ނުވަތަ އެއްގަމު މަގުން ދުނިޔޭގެ ބޮޑު ބައެއް ގުޅާލުމަކީ މީގެ ކުރީގެ ބައެއް އިލްމުވެރިންނާއި މޮޅެތި ސައިންސްވެރިން އެމީހުންގެ ފަތްފުއްތަކުގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ. ނަމަވެސް އެއިރު ވަސީލަތުގެ ތަދުކަމުންނާއި ދުނިޔޭގެ ތަރައްޤީގެ ދުވެލި ހުރި ވަރުން އެކަން ހަޤީގަތަކަށް ނުވީއެވެ.
ނަމަވެސް އޭގެ އެތަކެއް އަހަރެއް ފަހުން އަނެއްކާވެސް މިވަނީ "ސްޕަރހައިވޭ"އެއްގެ ވާހަކަ ތިލަވެފައެވެ. ހަތިޔާރުގެ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމުކަމަށްވާ ރަޝިއާއިން މިވަނީ "ސްޕަރހައިވޭ"އެއް އެޅުމުގެ މަޝްވަރާތައް ފަށާފައެވެ. އެގޮތުން އެގައުމުން އެކަމަށް ބޭނުންވާ ކުރެހުންތަކާއި ބައެއް އިދާރީ މަސައްކަތްތައް ފަށާފައިވާއިރު އެ ހައިވޭ އަކީ 12،500 މޭލުގެ ދިގު ހައިވޭއެކެވެ. އެ ހައިވޭގެ ސަބަބުން ޔޫރަޕްއާއި އޭޝިއާ އެއްގަމު މަގުން ގުޅާލެވިގެންދާނެއެވެ.
ރަޝިއާއިން ބުނާ ގޮތުގައި "ސްޕަރހައިވޭ" އިން ދުނިޔޭގެ 80 އިންސައްތަ ގައުމު (157) ގައުމު ގުޅާލެވޭނެއެވެ.
ރަޝިއާއިން އެޅުމަށް ނިންމާފައިވާ ބިޔަ ބޮޑު ހައިވޭގެ މަސައްކަތް ފަށާނެ ތާރީހެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޔޫރަޕްގެ ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި އެ ހައިވޭގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެއެވެ. މި ހައިވޭ ހަޤީގަތަކަށް ވެއްޖެ ނަމަ ދުނިޔޭގެ ވިޔަފާރިއަށް މިކަމުގެ ސަބަބުން އެތަކެއް މަންފާއެއް ކުރާނެއެވެ.