ސްރީލަންކާ ކައިރީގައި "ފަނި" ނަމަކަށް ކިޔާ ބާރުގަދަ ސައިކްލޯނެއް އުފެދިއްޖެއެވެ.
އިންޑިއަން މީޓިއޮރޮޖިކަލް ޑިޕާޓްމެންޓާއި ހަވާލާދީ، "ދަ ނިއުސް މިނަޓް" ގައި ބުނެފައިވާ ގޮތުގައި، އުފެދިފައިވާ "ފަނި" ނަމަކަށް ކިޔާ ސައިކްލޯނިކު ޑިޕްރެޝަން، އިތުރަށް ބާރު ގަދަވެ ހައި ލެވެލް ސައިކްލޯނަކަށް ބަދަލު ވެދާނެ ކަމަށެވެ. ފަނި ސައިކްލޯންގެ އަސަރު ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
ސްރީލަންކާގެ އިތުރުން އިންޑިއާގެ ބައެއް ހިސާބުތަކަށް ވެސް އެ ސައިކްލޯންގެ އަސަރު ކުރާނެ ކަމަށް އިންޑިއަން މީޓިއޮރޮޖިކަލް ޑިޕާޓްމެންޓުން ލަފާ ކޮށްފައެވެ. އޭގެ ތެރޭގައި، އިންޑިއާގެ ޓަމިލްނަޑޫ އަދި ކެރެލާއަށް ސައިކްލޯންގެ އަސަރުތައް ވަރަށް ބޮޑަށް ކުރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
ސައިކްލޯނާއި ބެހޭ އިތުރު އަޕްޑޭޓްތައް އެނގޭނީ، މިހާރު އުފެދެމުންދާ ސައިކްލޯން ފުރިހަމައަށް އުފެދުނީމައި ކަމަށްވެސް އެ ޑިޕާޓްމެންޓް ވަނީ ބުނެފައެވެ. މީގެ އިތުރުން، މިހާރު ސައިކްލޯންގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވާ ސަރަހައްދުތަކަށް ވުރެ ގިނަ ސަރަހައްދުތަކަށް ވެސް އަސަރު ކޮށްފާނެ ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ.